ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 22:11
އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
ގޫގުލް
އުުތުރު ކޮރެއާ - އެމެރިކާ
އުުތުރު ކޮރެއާގެ ލީޑަރާ އެކު ޑީލެއް ހެއްދެވުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން: ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރައްވަން ނިންމަވާފައި

އުުތުރު ކޮރެއާގެ ލީޑަރާ އެކު ޑީލެއް ހެއްދެވުމުގެ މަސައްކަތް ކުރައްމުން ގެންދަވާ ކަމަށާއި، އެކަން ވެއްޖެ ނަަމަ އެއީ ދުނިޔެއަށް ރަނގަޅު ކަމެއްގެ ގޮތުގައި ވެގެންދާނެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމަނިކުފާނާ ދެ ބޭފުޅުންގެ ބައްދަލުވުމަށެވެ. ރައީސް ޓްރަމްޕްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ އެ ބައްދަލުވުން ބާއްވާ ތަނާއި ވަގުތު އަދި ނިންމަން ޖެހޭ ކަމަށެވެ. 

ރައީސް ޓްރަމްޕް މިހެން ވިދާޅުވި އިރު އެމަނިކުފާނުގެ ރަސްމީ ގެކޮޅު އަދި އޮފީސް ކަމަށްވާ ވައިޓް ހައުސް އިން ބުނެފައި ވަނީ "އުތުރު ކޮރެއާ އިން ހަރުދަނާކަން ހުރި އަމަލުތަކެއް" ނުފެންނަ ކަމަށް ވާނަމަ ރައީސް ޓްރަމްޕް އުތުރު ކޮރެއާގެ ރައީސް ކިމް އާ ބައްދަލު ނުކުރައްވާނެ ކަމަށެވެ. 

އުތުރު ކޮރެއާގެ ލީޑަރު، އެމެރިކާގެ ރައީސަށް ބައްދަލުކުރައްވަން ބޭނުންފުޅުވާ ކަމުގެ މެސެޖް ރައްދުކުރެއްވީ، ދާދިފަހުން އުތުރު ކޮރެއާ އަށް ޒިޔާރަތްކުރައްވައި ކިމްއާ އެކު މަޝްވަރާތައް ބޭއްވި ދެކުނު ކޮރެއާގެ އިސް ވަފުދު މެދުވެރިކޮށެވެ. މިބައްދަލުވުމަށް ފަހު ދެކުނު ކޮރެއާގެ ވަފުދު ވަނީ ވޮޝިންޓަނަށް ވަޑައިގެން، އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕަށް އަރުވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޗުންގް އުއިޔޮންގް ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް އުތުރު ކޮރެއާ ތައްޔާރަށް އޮތްކަމުގެ މެސެޖް ރައީސް ޓްރަމްޕަށް ރައްދު ކުރެއްވި ކަމަށެވެ. އުއިޔޮންގްއަކީ ދެކުނު ކޮރެއާގެ ފަރާތުން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް، ލީޑަރު ކިމް ޖޮންގ އުން އައި ބައްދަލުކުރެއްވި ވަފުދުގެ އިސް އެއް މަންދޫބެވެ.

އުއިޔޮންގް ވިދާޅުވީ އަންނަ މެއި މަސް ނިމުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއާ ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށެވެ.

މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. 

އުތުރު ކޮރެއާ އަށް ބައިނަލްއަގްވާމީ މުޖުތަމައު އިން ތަކުރާރުކޮށް ގޮވާލަމުން ދަނީ މިސައިލްތައް ޓެސްޓްކުރުމާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށެވެ. އެހެނަސް އުތުރު ކޮރެއާ އިން އެކަމަށް އިޖާބައެއް ނުދެއެވެ. އުތުރު ކޮރެއާގެ އަމަލުތަކުގެ ސަބަބުން އދ. އާއި އެމެރިކާ އިން ވަނީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅާފައެވެ.

 

 

- ކޮމެންޓް