ޖަލުގައި ބަންދުކުރުމުން އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރ ޢަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ކުރިން ޕޮލިސް ކޮމިޝަނަރުކަން ވެސް ކުރައްވާފައިވާ ޢަބްދުﷲ ރިޔާޒް، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރުކުރި ފަހުން ހޮނިހިރު ދުވަހު ވަނީ ފުރަތަމަ އާއިލީ ބައްދަލުވުން ދީފައެވެ.
އާއިލީ ބައްދަލުވުމަށް ފަހު ރިޔާޒުގެ އަނބިކަނބަލުން އައިޝަތު ނަދާ ބުނީ ރިޔާޒް ހުންނެވީ ގަދަކޮށް ކަމަށާއި މިހާތަނަށް އެއްވެސް ތުހުމަތެއްކޮށް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ބަންދުގައި ދުވަސްތަށް ހޭދަކުރަން ޖެހުނު ނަމަވެސް ކުރަމުން އައި މަސައްކަތަށް ކުޑަ ނަމަވެސް ދުލެއް ނުދީ، ސާބިތުކަމާ އެކު އަބަދު ވެސް ހުންނާނެ ކަމުގެ ޔާގީންކަން ރައްޔިތުންނަން ރިޔާޒު ދިން ކަމަށް ނަދާ ވިދާޅުވިއެވެ.
"ފުރަތަމަ އާއިލީ ބައްދަލުވުން، ރިޔާޒުގެ މެސެޖަކީ ގޮޅިއަށް ލީމަ ކުރިއަށް ވުރެ ވަރުގަދަ ވެއްޖެ ކަމަށް. ކުރަމުން އައި މަސައްކަތް ދޫނުދޭނެ ކަމަށް. މަސައްކަތް ކާމިޔާބު ވާނެ،" ރިޔާޒުގެ އަނބިކަނބަލުން ނަދާ ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
މީގެ އިތުރުން ނަދާ ވިދާޅުވީ ނޫސްވެރިންނަން ގޮންޖެހުންތައް ކުރިމަތިވާ މި ދަނޑިވަޅުގައި ނޫސްވެރިން ކުރާ މަސައްކަތް ރިޔާޒު ވަރަށް ބޮޑަށް ފާހަގަކުރައްވައި ނޫސްވެރިންނަން ޝުކުރު ދެއްނެވި ކަމަށެވެ.
ރިޔާޒް ހައްޔަރުކޮށްފައި ވަނީ މި މަހުގެ 2 ވަނަ ދުވަހު ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ އިން ސޯސަން މަގުގައި ހުންނަވަނިކޮށެވެ. ރިޔާޒުގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އެއްތަނަކުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގައި އިސްކޮށް އުޅުއްވާ އެ ދެ މެމްބަރުން ހައްޔަރު ކުރީ ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ސަރަހައްދުން ހުކުރު ދުވަހުގެ ހަވީރުއެވެ. ނަމަވެސް ޝާހިދު ހައްޔަރުކުރީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކަމަށް ބުނެ ދޫކޮށްލާފައި ވާއިރު އެސްއޯއީގެ ދަށުން ހައްޔަރުކުރި ކަމަށް ބުނެ ރިޔާޒް ވަނީ ދޫނިދޫގައި ބަންދުކޮށްފައެވެ.