ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކުރެވޭނެ މަގު ފަހިކޮށްނުދީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ލޯ އަނދިރިކޮށްލަންތޯ އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ސުވާލު ކުރައްވައިފިއެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން ފާއިތުވެ ދިޔަ މަހަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އަދީބު ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށް ބުނެ ވަކީލުންނާއި އާއިލާ އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
Enme furathama masekai kuree suvaalu ufedhey injection eh Adeeb ge gayah jahan!
— Nash (@maryam_nashwa) March 9, 2018
Mihaaru masekai kuramun dhanee raheenukoh kotteh ga baavaagen Adeeb ge loa andhiri kolantho? #AuthorizeMedical4Adeeb#SChukumthanfeezkurey
ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރީ ސުވާލު އުފެދޭ އިންޖެކްޝަނެއް ޖަހަން ކަމަށެވެ. މިހާރު މަސައްކަތް ކުރަނީ "ރަހީނުކޮށް ކޮއްޓެއްގައި ބާއްވައިގެން އަދީބުގެ ލޯ އަނދިރިކޮށްލަންތޯ" ނަޝްވާގެ ޓްވީޓުގައި ސުވާލު އުފައްދަވާފައިވެއެވެ.
އަދީބުގެ ލޮލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާތީ ރާއްޖެ އިން ބޭރަށް ގޮސް ގްލްކޯމާ ސްޕެޝަލިސްޓަކަށް ދައްކަން ޑޮކްޓަރު އަންގާފައިވާ ލިޔުމެއް އަދީބުގެ ވަކީލުން ވަނީ ސޯޝަލް މީޑިއާގައި ލީކުކޮށްލާފައެވެ.
ވީ އެންމެ އަވަހަކަށް ލޮލުގެ އޮޕްރޭޝަނެއް ކުރުމަށް އަދީބަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު، އަދީބުގެ އެތެރެހަށީގައި އުފެދިފައިވާ ސިސްޓްތައް ކެންސަރަށް ބަދަލުވެދާނެ ކަމުގެ ބިރު އޮތުމުން، ކެންސަރަށް ސްކްރީން ކުރުމަށް ވެސް ޑޮކްޓަރުން ވަނީ ލަފާ ދެއްވާފައެވެ. މީގެ ދެ އަހަރު ކުރިން ދެއްވި އެ ލަފައާ އެއްގޮތަށް އަދި މިހާތަނަށް އަދީބު ކެންސަރަށް ސްކްރީން ކުރުމުގެ ފުރުސަތު ސަރުކާރުން ދީފައެއް ނުވެއެވެ.
ބޭސްފަރުވާއަށް އަދީބު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަރުކާރުން ބުނަމުންދަނީ، އަދީބު ބޭރަށް ފޮނުވައިފި ނަމަ ފިއްލަވާފާނެ ކަމަށާއި އެމަނިކުފާނު ފިއްލަވައިފި ނަމަ ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ނުލިބޭނެ ކަމަށެވެ.
އަދީބުގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ، ބޭސްފަރުވާ ކުރުމުގެ ހައްގަކީ، ސަރުކާރަށް ހީވާހީވުމެއްގެ މައްޗަށް ހިފަހެއްޓޭނެ ހައްގެއް ނޫން ކަމަށެވެ. އަދި، ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އެހެނިހެން ފަރާތްތައް ބޭސްފަރުވާއަށް ފޮނުވާ އުސޫލުން އަދީބަށް ވެސް އެ ފުރުސަތު ދޭންޖެހޭނެ ކަމަށް ވަކީލުން ދަނީ ވިދާޅުވަމުންނެވެ.