ތ. އޮމަދޫ ރައްޔިތުން ވެސް ރާއްޖެޓީވީގެ މުވައްޒަފުންނަށް ފަރިވަޅެއް އަރުވައިފިއެވެ.
ހޮނިހިރު ދުވަހުގެ މެންދުރު މި ފަރިވަޅު އަރުވާފައި ވަނީ ރާއްޖެޓީވީގެ މުވައްޒަފުން 24 ގަޑިއިރު ކުރަމުންދާ މަސައްކަތާއި ނޫސްވެރިކަމަށް ދިމާވެފައިވާ ބިރުވެރި ގޮންޖެހުންތަކުގެ ތެރޭގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކުރަމުންދާ ހިތްވަރަށް ސާބަސް ދިނުމުގެ ގޮތުން ކަމަށް އެ ރަށުގެ ރައްޔިތުން ބުންޏެވެ.
ފަރިވަޅު ރާއްޖެ ޓީވީއަށް އެރުވުމަށް ބޭއްވި ހަފްލާއަށް ފަހު، ވާހަކަ ދައްކަމުން އެ ރަށު މަރިޔަމް ސައުޝަން ބުނީ އޮމަދޫގެ ރައްޔިތުން މިފަދަ ކެއުމެއް ގެނެސްފައި ވަނީ ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށާއި ރާއްޖޭގެ މިވަގުތު ހިނގަމުންދާ ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު އެންމެ ތަފްސީލުކޮށް ހާމަކުރަމުން ދަނީ ރާއްޖެޓީވީ އިން ކަމަށެވެ.
އޮމަދޫ ރައްޔިތެއް ކަމަށްވާ ނާހިދާ މުހައްމަދު ބުނީ މެންދުރުގެ ފަރިކޮޅެއްގެ ގޮތުގައި ފަރިވަޅު ރާއްޖެޓީވީއަށް އަރުވާފައި ވަނީ ރަށުގެ ގިނަ ބަޔަކު އެކުވެގެން ކަމަށާއި ކެއުން ތައްޔާރު ކުރުމަށް ރަށުގެ ގިނަ ރައްޔިތުން އެހީތެރިވި ކަމަށެވެ.
ފަރިވަޅު އެރުވި ހަފްލާގައި ވާހަކަ ދައްކަވަމުން ރާއްޖެޓީވީގެ ސީއޯ ހުސައިން ފިޔާޒު މޫސާ ވިދާޅުވީ، އެފަދަ ގޮތަކަށް ރާއްޖެޓީވީގެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށާއި ރާއްޖެޓީވީގެ މުވައްޒަފުން ސާބިތުކަމާ އެކު މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
އޮމަދޫގެ ރައްޔިތުން ހޮނިހިރު ދުވަހު ރާއްޖެޓީވިއަށް ފަރިވަޅެއް އަރުވާފައިވާއިރު ހުކުރު ދުވަހު އއ. ރަސްދޫ އިން ވެސް ވަނީ ފަރިވަޅެއް އަރުވާފައެވެ. އަދި މިދިޔަ ހަފްތާގައި ތ. ކިނބިދޫ ރައްޔިތުން ވެސް ވަނީ ރާއްޖެޓީވިއަށް ފަރިވަޅެއް އަރުވާފައެވެ. މީގެ އިތުރުން ވެސް އެކި ރަށްރަށުގެ ރައްޔިތުން ދަނީ ރާއްޖެޓީވީގެ މަސައްކަތް ފާހަގަކުރުމުގެ ގޮތުން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.