ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ރިޝްވަތުގެ ދައުވާގެ ޝަރީއަތް، ބައްލަވަމުން ގެންދެވި ގާޒީގެ އަތްޕުޅުން އެ މައްސަލަ ނަގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް މިހާތަނަށް ބަލާފައިވަނީ ކްރިމިނަލް ކޯޓުގެ ކޭ ސެކްޝަނުގައެވެ. ކޭ ސެކްޝަނުގައި އެ މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމް އެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތް މެދުކެނޑިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން، އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފައިވާއިރު ސެކްޝަން ވަނީ ބަދަލުކޮށްފައެވެ. ކްރިމިނަލް ކޯޓުގެ ތާވަލުގައިވާ ގޮތުގައި، އެ މައްސަލަ މިހާރު ބަލަނީ އީ ސެކްޝަނުންނެވެ. އީ ސެކްޝަނަކީ ކްރިމިނަލް ކޯޓަށް އަލަން އައްޔަންކުރި ދެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހުމަދު ހައިލަމްގެ ސެކްޝަނެވެ.
ކުއްލި ގޮތަކަށް މި ބަދަލު ގެނެސްފައިވާ ސަބަބު ސާފުކުރުމަށް، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަށް ފޯނުން ގުޅަައިގެން ކުރި މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަރީއަތުގައި އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ، ދެ ފަރާތުން ހެކި ހުށަހެޅުމެވެ. މި މައްސަލައިގެ އަޑުއެހުމެއް ފެބްރުއަރީ ހަތަރު ވަނަ ދުވަހަށް ތާވަލުކުރި އެވެ. އެހެންނަމަވެސް، އެ އަޑުއެހުން ފަހުން ވަނީ ކެންސަލް ކޮށްފައެވެ.
ރިޝްވަތު ދިނުމުގެ ދައުވާގެ އިތުރުން، ހުއްދަ ހޯއްދެވުމެއް ނެތި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކުރެއްވި ކަމަށް ބުނެ ފާރިސްގެ މައްޗަށް ޝަޚްސް އޮޅުވާލުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފްތާއަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ވެސް ވަނީ ކެންސަލް ކޮށްފައެވެ.