ސްރީލަންކާގައި މުސްލިމުންނާދެކޮޅަށް ބުޑިސްޓުންގެ ބަޔަކު ހިންގި ހަމަނުޖެހުންތައް ކުށްވެރިކޮށް އެ ގައުމުގެ ބުޑިސްޓް ހާމުދުރުންތަކެއް ވެރިރަށް ކޮލަމްބޯގައި ހިނގާލުމެއް ބާއްވައިފިއެވެ.
ލަންކާގެ ކެންޑީގައި މުސްލިމުންނާއި ބުޑިސްޓުންނާއި ދެމެދު ހިނގަންފެށި ހަމަނުޖެހުންތަކުގައި މަދުވެގެން ދެ މީހުން މަރުވެފައިވާއިރު މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ލަންކާގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.
ނޭޝަނަލް ބިއްކޫ ފްރޮންޓުން ހުކުރު ދުވަހު ބުނީ ހަމަހިމޭން އިހުތިޖާޖެއް އެ ޖަމާއަތުން އިންތިޒާމް ކުރީ އިޖުތިމާއީ ތަޅާފޮޅުންތަކުގެ ސަބަބުން ގައުމުގެ އެއްބައިވަންތަކަން ގެއްލޭތީ ކަމަށެވެ.
މެދުމިނުގެ ބުޑިސްޓް ލީޑަރުންނާއި ކްރިކެޓްކުޅުންތެރިންވަނީ، މެދުތެރޭގެ ސިޓީއެއްކަމަށްވާ ކެންޑީގައި ހިނގި ހަމަނުޖެހުންތައް ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން ހުކުރު ނަމާދުން މީހުން ފޭބި ވަގުތު ބުޑިސްޓް ހާމުދުރުން މިސްކިތްތަކަށް ޒިޔާރަތްކޮށް އެއްބައިވަންތަކަން ހާމަކޮށްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެއެވެ.
ކެންޑީގައި މުސްލިމުން އުޅެމުންދިޔަ ސަރަހައްދުތަކުގައި އޮތް ހަމަނުހެންތައް ހުއްޓި ހަމަޖެހުން އަންނަމުންދާއިރު ހުކުރު ދުވަހުވަނީ ގިނަ ފިހާރަތަކެއްވެސް ހުޅުވާފައެވެ.
ބުޑިސްޓުންނާއި މުސްލިމުންނާއިދެމެދު ހިނގި ކުރިމަތިލުންތައް ފެށިފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު މުސްލިމުންގެ ގްރޫޕަކާ ޖެހުނު މައްސަލައެއްގައި ސިންގަޅަ މީހަކަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާދެމުންދަނިކޮށް އޭނާ މަރުވުމާއި ގުޅިގެންނެވެ.
ހަމަނުޖެހުންތައް އިތުރުވެގެން ދިޔައީ އަންގާރަ ދުވަހު އިމާރާތެއްގެ ބޭރުގައި މުސްލިމް ފިރެހެނެއްގެ ހަށިގަނޑު އަންދާލާފައިވަނިކޮށް ފެނުނު ހިސާބުންނެވެ.
ފުލުހުންވަނީ ހަމަނެޖެހުންތަކުގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ މީހާ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައެވެ.
މީގެއިތުރުން އެކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ 145 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.