ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 07:53
ވަފްދުގެ ބޭފުޅުންނާއި ބީއެމްއެލްގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ވަފްދުގެ ބޭފުޅުންނާއި ބީއެމްއެލްގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން
ބީއެމްއެލް
ބޭންކަރސް އެސޯސިއޭޝަން
އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ވަފްދެއް ރާއްޖެއަށް ޒިޔާރަތްކޮށްފި
މި ކޮންފަރެންސް އޮންނާނީ މި އަހަރުގެ ނޮވެމްބަރ 15-16 އަށް

މި އަހަރުގެ ނޮވެމްބަރުމަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޭންކަރސް އެސޯސިއޭޝަން )އޭބީއޭ( ގެ އަހަރީ ކޮންފަރެންސް އާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ އިސް ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

މިވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އޭބީއޭގެ ޗެއަރމަން މރ. ޑެނިއަލް ވޫ އެވެ. މި ޒިޔާރަތުގައި ކޮންފަރެންސް ބޭއްވުމަށްވަމުންދާ ތައްޔާރީތަކާ ގުޅޭ ގޮތުން ގިނަ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.

އޭޝިއާގެ 25 ގައުމެއްގެ މެންބަރު 80 މާލީ އިދާރާއަކުން 200 އަށްވުރެ ގިނަ ބައިވެރިން މިއަހަރުގެ ނޮވެމްބަރު މަހު އޮންނަ ކޮންފަރެންސްގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. މާލީ  ދާއިރާގެ މަޝްހޫރު ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް އިންތިޒާމްކުރަނީ ބޭންކް އޮފް މޯލްޑިވްސް އިންނެވެ. އޭބީއޭގެ ބޯޑުގައި ބޭންކް އޮފް މޯލްޑިވްސް ތަމްސީލް ކުރައްވަނީ އެ ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ އެވެ.

"އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ ޝަރަފްވެރި އާންމު ބައްދަލުވުމާއި ކޮންފަރެންސް ބާއްވާ ގައުމަކަށް ދިވެހިރާއްޖެ ހަމަޖެހިގެންދިޔުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ޑެނިއަލް އަދި އޭބީއޭގެ ވަފުދާއެކު ވަރަށް މުހިންމު އަދި ބޭނުންތެރި ބައްދަލުވުންތަކެއް އަޅުގަނޑުމެން މިއަދު ވަނީ ބާއްވާފައި. މި ކޮންފަރެންސް އަމާޒުކޮށްފައިވަނީ އޭޝިއާގެ ބޭންކިންގ ކުރިމަގުގެ ތަސައްވުރަށް. އަދި މި ކޮންފަރެންސް މެދުވެރިކޮށް ރާއްޖޭގެ ބޭންކިންގ ދާއިރާގެ އިތުރުން ޖުމްލަކޮށް ދިވެހިރާއްޖެއިން ލިބެންހުރި ފުރުސަތުތައް ދައްކުވައިދިނުމަށް ލިބިގެންދާނެ ފުރުސަތުގެ ބޭނުން އަޅުގަނޑުމެން ވަރަށް ރަނގަޅަށް ހިފާނަން" އެންޑްރޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި ދަތުރުގެ އިންތިޒާމްތައް ވަރަށް ފުރިހަމައަށް ހަމަޖައްސަވާފައިވާތީ އެންޑްރޫ އާއި ބޭންކް އޮފް މޯލްޑިވްސްގެ ޓީމަށް ޝުކުރު ދަންނަވަން. އަދި ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަނަރ އާ ބައްދަލުކޮށްލުމަށް ދެއްވި ފުރުސަތަށްޓަކައި އެ ދެބޭފުޅުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. ނޮވެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ބައިވެރިވުމަށް އަޅުގަނޑުމެން އެނބުރި ދިވެހިރާއްޖެއަށް އައުމަށް އިންތިޒާރުކުރަން. އަޅުގަނޑުގެ އުއްމީދަކީ މިއީ ވަރަށް ކާމިޔާބު އަދި މަގްބޫލް ކޮންފަރެންސަކަށްވެގެން ދިޔުން" އޭބީއޭގެ ވަފުދުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ޑެނިއަލް ވޫ ވިދާޅުވިއެވެ.

މި ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވަނީ އަހަރުގެ ނޮވެމްބަރ 15 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރުނބާ ރިސޯޓުގައެވެ.

އޭޝިއަން ބޭންކަރސް އެސޯސިއޭޝަނުގެ 35 ވަނަ އާންމު ބައްދަލުވުމާއި ކޮންފަރެންސްގެ ތީމް އަކީ " ބޭންކިންގ އިން އޭޝިއާ: ދި ނެކްސްޓް ފްރޮންޓިއަރ"އެވެ.

- ކޮމެންޓް