ހއ. ހޯރަފުށީގައި ސާފު ފެނުގެ ނިޒާމު ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއު ފައްޓަވާދެއްވާފައި ވަނީ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.
ހއ. ހޯރަފުށީގެ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރެވިފައިވަނީ 21 ޖޫން 2017 ގައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ އޯޕެކް ފަންޑް ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށާއި މިމަޝްރޫޢުގެ އަގަކީ 52.1 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށެވެ.
މިމަޝްރޫޢުގެ ދަށުން ހއ. ހޯރަފުށީގައި 19 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވޭއިރު އަދި ގަޑިއަކު 8 ޓަނުގެ ފެން އުފައްދާ 2 އާރް.އޯ ޕްލާންޓް ބެހެއްޓޭނެ އެވެ. މިގޮތުން މި ދެ ޕްލާންޓުން ދުވާލަކު ޖުމްލަ 156 ޓަނުގެ ފެން އުފެއްދޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.
މި މަޝްރޫޢު ނިމޭއިރު ހއ. ހޯރަފުށީގައި ސާފު ފެނުގެ ޚިދުމަތް ޤާއިމްވެ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ސާފު ފެނުގެ ޚިދުމަތް ގުޅާ ދެވޭނެއެވެ.