ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަޒުރާ މޫސާ އާއި އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ) ދޫކޮށްލައިފިއެވެ.
އެ ދެ މީހުންނާއެކު ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި އެމްޑީޕީ އެކްޓިވިސްޓު މުހައްމަދު މިސްބާހު ވެސް ވަނީ ބަންދުން ދޫކޮށްލާފައެވެ. އެ ތިން މީހުންނާއެކު ޒުވާނަކު ވެސް ރޭގެ މުޒާހަރާގެ ތެރެއިން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ ދޫކޮށްލި ކަމެއް ކަށަވަރެއް ނުވެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި މީހުން ބަންދުން ދޫކޮށްލާފައި ވަނީ ހައްޔަރުކޮށްފައިވާތާ، 24 ގަޑިއިރުވާން ކައިރިވެފައިވަނިކޮށެވެ. މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުގެ ބަދަލުގައި ފުލުހުން އަމަލު ކުރަނީ އެ ގޮތަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ މުޒާހަރާގެ ތެރެއިން ހަތަރު މީހުން ހައްޔަރު ކުރީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. ފުލުހުން އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގައެވެ.
ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މުޒާހަރާކުރަމުންދާތާ 37 ދުވަސް ވެއްޖެއެވެ.