ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ހައްދުންމަތީ ގަމުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފިއެވެ.
ހުކުރު ދުވަހު ހަވީރު ލ ގަމު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ ލ.އަތޮޅު ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފްގެ އިތުރުން ގަމު އެމްޑީޕީގެ ފަސް މެމްބަރުންނެވެ. މާއްދުއާއި ކައްދުއާއި ގުޅޭ ކޯސްވޭ ކުރިމަތިން ސިފައިން މުޒާހާރާގެ ބައިވެރިންނަށް ހުރަސް އެޅުމަށް ފަހު، އެ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ފަސް މީހުން ހައްޔަރު ކުރުމަށް ފަހު ގަނޑިއިރެއްގެ ތެރޭގައި ވަނީ ދޫކޮށްލާފައެވެ.
މިކަމާއި ގުޅިގެން ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާއި ކުރިއަށް އޮތް ދުވަސްތަކުގައި މުޒާހަރާތައް ލ.ގަމުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
ސިފައިން ހުރަސް އެޅުމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ގަމު ކައުންސިލްގެ ރައީސް ޝިޔާމް ވިދާޅުވީ ސިފައިން މުޒާހަރާގެ ބައިވެރިނަށް ހުރަސް އެޅީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަންގައިގެން ކަމަށެވެ. އަދި ލ. ގަމުގައި ތިބި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއީދުކުރާ ރައްޔިތުންނަން ފޮނަދޫއަށް އަރަށް ފުރުޝަތުދޭން ސިފައިންނަން ނުކުރޭނެ ކަމަށާއި، އެ ފުރުޝަތު ލިބެއްޖެނަމަ އަބްދުއްރަހީމްއަށް ތާއީދު ނެތްކަށް ހާމަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ އަބްދުއްރަހީމްގެ އުފަން ރަށް އަދި އެބޭފުޅާގެ ދާއިރާގައި ވެސް އަބްދުއްރަހީމަށް މިހާރު ތާއީދު ނެތް ކަމަށެވެ.