އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ ދައުވަތު ޤަބޫލުކުރައްވައި، ކިމްއާ ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އުތުރު ކޮރެއާގެ ލީޑަރު އެމެރިކާގެ ރައީސަށް ބައްދަލުކުރައްވަން ބޭނުންފުޅުވާކަމުގެ މެސެޖް ރައްދުކުރެއްވީ، ދާދިފަހުން އުތުރު ކޮރެއާއަށް ޒިޔާރަތްކުރައްވައި ކިމްއާ އެކު މަޝްވަރާތައް ބޭއްވި ދެކުނު ކޮރެއާގެ އިސް ވަފުދު މެދުވެރިކޮށެވެ. މިބައްދަލުވުމަށް ފަހު ދެކުނު ކޮރެއާގެ ވަފުދު ވަނީ ވޮޝިންޓަނަށް ވަޑައިގެން، އުތުރު ކޮރެއާގެ ލީޑަރުގެ ސިޓީފުޅެއް ޓްރަމްޕަށް އަރުވާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓަރަމްޕާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ދެކުނު ކޮރެއާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޗުންގް އުއިޔޮންގް ވިދާޅުވީ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް އުތުރު ކޮރެއާ ތައްޔާރަށް އޮތްކަމުގެ މެސެޖް ރައީސް ޓްރަމްޕަށް ރައްދު ކުރެއްވި ކަމަށެވެ. އުއިޔޮންގްއަކީ ދެކުނު ކޮރެއާގެ ފަރާތުން އުތުރު ކޮރެއާއަށް ޒިޔާރަތްކޮށް، ލީޑަރު ކިމް ޖޮންގ އުން އައި ބައްދަލުކުރެއްވި ވަފުދުގެ އިސް އެއް މަންދޫބެވެ.
އުއިޔޮންގް ވިދާޅުވީ އަންނަ މެއި މަސް ނިމުމުގެ ކުރިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންއާ ބައްދަލުކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ކަމަށެވެ.
މިއީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކާއި، އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. ދެޤައުމުގެ ލީޑަރުން މީގެ ކުރިން ބައްދަލުކުރައްވާފައި ނުވި ނަމަވެސް، ދެޤައުމުގެ މަންދޫބުން އެކި ފަހަރު މަތިން ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން 2008 ވަނަ އަހަރާއި ހަމަޔަށް ކުރިއަށް ދިޔަ ހަ ފަރާތް ބައިވެރިވާ ވާހަކަތަކުގައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމާ ގުޅޭ ގޮތުން އެކި ފަހަރުމަތިން މަޝްވަރާކުރެވުނެވެ. އަދި 2012 ވަނަ އަހަރު ވެސް ވާހަކަތައް އަލުން ފެށޭތޯ އެމެރިކާ އިން މަސައްކަތްކުރި ނަމަވެސް، އެމަސައްކަތް ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.
އުތުރު ކޮރެއާ އާއި އެމެރިކާގެ ލީޑަރު ބައްދަލުކުރައްވަން އެއްބަސްވެވަޑައިގެންނެވި ނަމަވެސް، ބައްދަލުވުން އޮންނާނީ ކޮންތާކު ކަމެއް އަދި ކަށަވަރެއް ނޫނެވެ. ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކިމް ޖޮންގ އުން އަށް އުތުރު ކޮރެއާ އިން ބޭރަށް ދަތުރުކުރެއްވުމަކީ އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. އެހެންކަމުން ދެ ލީޑަރުން ބައްދަލުކުރައްވާނެ ކަމަށް ބޮޑަށް ބެލެވެނީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގައިވާ ޕީސް ވިލެޖްގައެވެ. އދ. ގެ ބެލުމުގެ ދަށުގައިވާ މި ސަރަހައްދަކީ ދެކޮރެއާގެ މެދުގައި މަޝްވަރާކުރުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ސަރަހައްދެކެވެ. އެނޫން ތަނެއްގައި ދެ ބޭފުޅުން ބައްދަލުކުރައްވާ ނަމަ ދެން ބައްދަލުކުރައްވާނެ ކަމަށް ބޮޑަށް ބެލެވެނީ އުތުރު ކޮރެއާ އާއި އެންމެ ގާތް ގުޅުމެއް ބާއްވާ ޗައިނާގައެވެ.
ދެކުނު ކޮރެއާގެ ވަފުދުން ދާދި ފަހުން އުތުރު ކޮރެއާއަށް ކުރެއްވި ޒިޔާރަތުގައި ކިމް ޖޮންގް އުން ވަނީ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް އުތުރު ކޮރެއާ އިން ތައްޔާރަށް އޮތް ކަމަށާއި، ސުލްހައިގެ ވާހަކަތަކުގެ މުއްދަތުގައި އިތުރު ނިއުކްލިއަރ ޓެސްޓެއް ނުކުރާނެ ކަމަށް ބުނުން ފަދަ، ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ވާހަކަތަކެއް ދައްކަވާފައެވެ.
އެހެން ނަމަވެސް އުތުރު ކޮރެއާ އިން މިކަމުގައި އިޚްލާސްތެރިކަން ދައްކާނީ ކިހާ މިންވަރަކަށްތޯ ގިނަ ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ. ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ވާހަކަތައް ބޭއްވުމަށް މަރުހަބާ ދެންނެވިނަމަވެސް، އުތުރު ކޮރެއާ އިން އިޚްލާސްތެރިކަން ގެންގުޅޭނެ މިންވަރަކާ މެދު ސުވާލު އުފައްދަވާފައިވެއެވެ.