އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، ތައްޔިބު ޝަހީމް ބޭނުންކުރަމުން އައި ދިރާގުގެ ސިމްގެ އެކްސެސް ފުލުހުންނަށް ދީފައިވާ ކަމަށް ދިރާގުން އެއްބަސްވެއްޖެއެވެ.
ތައްޔިބު ބޭނުންކުރަމުން އައި ދިރާގުގެ ސިމް ކާޑު އެހެން މީހަކަށް ދޫކޮށްފައިވާ ކަމުގެ ތުހުމަތުކޮށް، އެކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވައި ދިނުމަށް އެ ކުންފުނީގައި މި މަހުގެ 7 ވަނަ ދުވަހު ވަނީ އެދިފައެވެ. އެ ސިޓީގެ ޖަވާބުގައި ދިރާގުން އޭނާއަށް ފޮނުވި ސިޓީގައި ބުނީ ތައްޔިބުގެ ސިމްކާޑުގެ އެކްސެސް ފުލުހުންނަށް ދީފައިވާ ކަމަށާއި އެގޮތަށް އަމަލު ކުރީ ކްރިމިނަލް ކޯޓުން އެ ކުންފުނީގެ މައްޗަށް އެގޮތައް އަމަލު ކުރަން އަމުރު ކުރުމުން ކަމަށެވެ. އަދި އެކަން ދިރާގުގެ މުވައްޒަފަކު ގުޅައި، ތައްޔިބަށް އަންގާފައިވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
"ދިރާގުން އަމަލުކުރާ އުސޫލުތައް ބިނާވެފައިވަނީ ދިވެހި ރާއްޖޭގެ ޓެލިކޮމިއުނިކޭޝަން އޮޕަރޭޓްކުރަން ލާޒިމްކޮށްފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި އަދި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ލައިންސަންސްއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ." ދިރާގު ތައްޔިބަށް ފޮނުވި ސިޓީގައިވެއެވެ.
ދިރާގުން އިތުރަށް ބުނެފައި ވަނީ ތައްޔިބުގެ ސިމްކާޑަށް އެކްސެސްވުމަށް ކޯޓުން އަމުރުކުރުން ފިޔަވައި އިތުރު މައުލޫމާތެއް އެ ކުންފުންޏަށް ވެސް ނޭނގޭ ކަމަށެވެ.
ދައުލަތުގެ އެކި މުވައްސަސާތަކުގައި ހިނގާ ގިނަ ކަންތަކުގެ މައުލޫމާތުތަކެއް ތައްޔިބު އޭނާގެ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ހާމަކުރަމުންދެއެވެ. އަދި ފުލުހުން ދަނީ އޭނާއަށް އެ މައުލޫމާތު ލިބޭ ގޮތްތަކެއް ހޯދަން މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރޭގައި ތައްޔިބުގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް އެތައް ފަހަރަކު ގެންގޮސްފައިވެއެވެ.
މިހާރު ލަންކާގައި ދިރިއުޅޭ ތައްޔިބުގެ ދިރާގުގެ ނަމްބަރު ބޭނުން ނުކުރެވެން ފެށީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެކަން ހާމަކޮށް އޭނާ އެކި ތުހްމަތުތައްކޮށްފައެވެ. އެގޮތުން އޭނާ ބޭނުން ކުރަނިކޮށް ސިމްގެ ޚިދުމަތް މެދުކަނޑާލީ، އެ ނަމްބަރުގައި އެހެން ސިމެއް ދޫކުރުމަށް ފަހު ކަމަށް ތޮއްޔިބު ތުހުމަތުކޮށްފައިވެއެވެ. އަދި ސިމް އެހެން މީހަކަށް ދިނުމަށް ފަހު އެ ސިމް ބޭނުން ކޮށްގެން، އޭނާ ބޭނުންކުރާ އެހެނިހެން ޚިދުމަތްތަކުގެ ޕާސްވޯޑުތައް ބަދަލުކޮށްފައިވާ ކަމަށް ވެސް ތައްޔިބު ބުންޏެވެ.