މިދިޔަ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާތީ އެ ކަންތައްތައް ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވަފުދެއް ރާއްޖެއަށް ފޮނުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެ ކައުންސިލްގެ ކޮމިޝަނަރު ޒައިދު ރާދު އަލް ހުސެއިން ވިދާޅުވެއްޖެއެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި ކޮމިޝަނަރު ޒައިދު އިއްވެވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ކައުންސިލްގެ ވަފުދެއް ވީއެންމެ އަވަހަކަށް ފޮނުވަން ނިންމުމުން ސަރުކާރުން އެކަން ގަބޫލުކޮށްފައިވާ ކަމަށެވެ.
ޒައިދު ވިދާޅުވީ ގާނޫނުގެ ވެރިކަމަކީ ކޮންމެ ޑިމޮކްރެޓިކް ގައުމެއްގެ ބިންގާ ކަމަށާއި އެކަމަށް އިހުތިރާމް ނުކުރާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އޭގެ އިތުރަށް މި ހަމަނުޖެހުންތަކާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެފައިވާތީ ޒައިދު ވަނީ ސަރުކާރުން މިހާރު އަޅާފައިވާ ފިޔަވަޅުތައް އުވާލަން ވެސް އެދިވަޑައިގެންފައެވެ.
އޭނާ ނެރުއްވި ބަޔާނުގައި ވަނީ ސިޔާސީ ލީޑަރުންތަކާ އެކު ނުވަ މީހަކު މިނިވަންކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގެންފައިކަން ފާހަގަކުރައްވާފައެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑްކޮށް، އެއްވެސް ހަމައެއް ނެތި މީހުން ހައްޔަރުކުރަން މަގު ހުޅުވާލާފައިވާ ކަމަށް ވެސް ޒައިދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.