އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ 49 އިންސައްތަ ކަމަށްވީ އިރު އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި އަންހެނުންގެ ފުރިހަމަ ޙިއްޞާ، ޤައުމީ ތަރައްޤީގައި އޮތުމަކީ، ޤައުމީ ތަރައްޤީގެ ދުވެލި ހަލުވިވެގެންދާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމުގެ ސިޔާސަތަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއްދޭ، ސަރުކާރުގެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. ރާއްޖޭގެ އަންހެނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް ތަފާތު މަސައްކަތްތައް ކުރެވެމުން ދިޔަ ނަމަވެސް، މުހިއްމު ބައެއް ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އާއި ދައުރު ކުޑަކަން ފާހަގަކުރައްވައި، އަންހެނުންނަށް އެކި ދާއިރާތަކުން ކުރިޔަށް ދިއުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެފަދަ ކަންތައްތައް ޙައްލު ކުރެވޭނެ ގޮތްތައް ހޯދައިދިނުމަށްޓަކައި މި ސަރުކާރުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
އެގޮތުން 2015 ވަނަ އަހަރު ވުޖޫދުވެގެން އައި ޖެންޑަރ އީކުއަލިޓީ ޤާނޫނަކީ، ޤައުމީ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި ތަޢުލީމީ ގޮތުން އެންމެ މަތީ ހަރުފަތާހަމަޔަށް ވާޞިލްވުމުގެ ފުރުޞަތު އަންހެނުންނަށް މިއަދު ލިބިދެވިފައިވާކަން ފާހަގަކުރައްވައި، އަންހެންކުއްޖެއްގެ ތަޢުލީމަށް ކުރެވޭ އިންވެސްޓްމެންޓަކީ، މުޅި ޤައުމު ބިނާކުރުމަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނަކަށް ދެވޭ އަނިޔާއަކީ، މުޅި މުޖްތަމަޢުގެ ދަރިފަސްކޮޅަކަށް ދެވޭ އަނިޔާއެއް ކަމާއި އަދި އެއީ ފޫނުބެއްދޭނެ ގެއްލުމެއް ކަން ފާހަގަކުރައްވައި، ޖިހާދު ވިދާޅުވީ އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރި ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ މިހާރުގެ ޙާލަތު ރަގަޅުކުރުމަށް މަސައްކަތްކުރުމަކީ މުޅި މުޖްތަމަޢުގެ ހުރިހާ ފަރުދުންގެ ޒިންމާއެއް ކަމުގައި ހަދަންޖެހޭ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ މެދުގައި ތަފާތު ކުރުމެއް ނެތި އެކުއްޖަކު ބޭނުންވާ ދާއިރާއެއްގައި މަސައްކަތް ކުރުމުގެ މަގު ތަނަވަސްކޮށްދީ އެފުރުޞަތު ދެއްވުމަށް ވަޒީފާ ދޭ ފަރާތްތަކާއި ބެލެނިވެރިންނާއި އަދި ޓީޗަރުންނަށް އިލްތިމާސްކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށް ލާބަޔާއި މަންފާ ލިބިދޭ ފަދަ އަގުހުރި ޚިދުމަތްކޮށްދީފައިވާ، އަދި ޚިދުމަތް ކުރަމުން އަންނަ އަންހެނުންނަށް ސަރުކާރުން ދެއްވާ ރެހެންދި އެވޯޑް މިއަހަރު ޙާޞިލްކުރެއްވި ތިން ފަރާތަށް، މިއަދުގެ ޙަފްލާގައި އެވޯޑާއި ލިޔުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބެވެ.