ރާއްޖޭގެ ހާލަތާއި މެދު ވިލާތުގެ އިއްތިހާދަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާންއާ މަޝްވަރާކޮށް އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ކުރެއްވި ޓްވީޓެއްގައި ވަނީ ޝިއާންއާ ބައްދަލުކުރެއްވުމަށް ފަހު ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި އަސާސީ ހައްގުތައް ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށާއި ސުލްހަވެރި ހައްލެއް ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ހޯދުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ފީލްޑްގެ ޓްވީޓުގައިވެއެވެ. ހަމައެހެންމެ މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވެސް ފީލްޑްގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ.
Met #Maldives Ambassador Shiaan to raise UK’s serious concerns about State of Emergency in Maldives. Urged the swift restoration of fundamental rights and a peaceful resolution. Safety of British visitors a priority.
— Mark Field MP (@MarkFieldUK) March 7, 2018
އިނގިރޭސި މިނިސްޓަރަކު ރާއްޖޭގެ ސަފީރަކާއި ބައްދަލުކޮށްފައިވާއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ ރައީސް ޔާމީނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. މި މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒްގެ މަޤާމު ކުރިން އަދާކުރައްވާފައިވާ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ހޫގޯ ސްވަޔަރއެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ސްވަޔަރ ވަނީ އިނގިރޭސި ސަރުކާރަށް ހަތް ކަމެއް ހުށަހަޅުއްވާފައެވެ.
މި މައްސަލައާއި ގުޅިގެން ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މާކް ފީލްޑް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުން މިހާރު ކަން ކުރަމުން ގެންދަވާ ގޮތް ކުށްވެރި ކުރައްވާފައެވެ.