ދަ ކެލޮރީ ކައުންޓަރގެ އައުޓްލެޓެއް ބުދަ ދުވަހުގެރޭ މާލޭގައި ހުޅުވައިފިއެވެ.
ދަ ކެލޮރީ ކައުންޓަރގެ ފައުންޑަރ ޑުވެއިން ޕޭރިސް ވިދާޅުވީ މި އައުޓްލެޓްގައި ތައްޔާރުކުރާ ހުރިހާ އައިޓަމްތަކަކީ ވަގުތުން ވަގުތަށް ތާޒާކަމާއެކު ތައްޔާރުކުރާ އެއްޗެހި ކަމުގައެވެ. އަދި އެ އައުޓްލެޓްގައި އެއްޗެހި ތައްޔާރުކުރުމަށްޓަކައި ވަރަށް ހާއްސަ އަވަނެއް ބޭނުންކުރެވިގެންދާނެ ކަމަށާއި އެ އަވަން އިން އެއްޗެހި ތައްޔާރު ކުރަން ތެޔޮ ބޭނުންނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑުވެއިން ވިދާޅުވީ ބައެއް ކާ އެއްޗެހި ކައްކާ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ ބާވަތްތައް ރާއްޖޭއިން ލިބެން ނެތުމުން އެބާވަތްތައް ރާއްޖޭއިން ބޭރުން ގެނެސްގެން ތައްޔާރުކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
މި އައުޓްލެޓް އަކީ ސިއްހަތަށް ފައިދާ ހުރި ކާއެއްޗެހިތައް ލިބިގެންދާނެ އައުޓްލެޓެކެވެ. އެގޮތުން ކަސްރަތު ކުރުމުގެ ކުރިންނާއި ފަހުން ކާންޖެހޭ އެއްޗިސް އާއި ޗިކަން ވްރެޕްސް އަދި ސިއްހަތަށް ފައިދާ ހުރި އެކި ބުއިންތައް ލިބެން ހުރެއެވެ.
ދަ ކެލޮރީ ކައުންޓަރގެ ފްރެންޗައިޒް އައުޓްލެޓެއް ކުވައިތްގެ އިތުރުން ސްރީލަންކާގައިވެސް ހުރެއެވެ.
މިއަހަރުގެ ތެރޭގައި ދަ ކެލޮރީ ކައުންޓަރގެ ފްރެންޗައިޒް އައުޓްލެޓެއް އޮސްޓްރޭލިއާގައިވެސް ވަނީ ހުޅުވުމަށް ނިންމާފައެވެ.