އަނެއްކާވެސް ސިފައިންގެ އިތުރު އޮފިސަރަކު ހައްޔަރުކުރިކަމުގެ އަޑު ފެތުރިއްޖެއެވެ.
އަޑު ފެތުރުމުގެ އިތުރުން ސޯޝަލް މީޑިޔާގައިވެސް ދައުރުވަމުންދާ ފޮޓޯއަކުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ކެޕްޓަން މުހައްމަދު ނިޔާޒެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫ ފުރާތު މުހައްމަދު ނިޔާޒަކީ 2016 ވަނަ އަހަރު ޗައިނާ އާރމީ އިންޖިނިއަރިން އެކަޑަމީން ހިންގި އިންޖިނިއަރ ބްރިޖިން ކޮމާންޑް ކޯހުން 1 ވަނަ ހާސިލް ކޮށްފައިވާ ބޭފުޅެކެވެ.
ކެޕްޓަން ނިޔާޒް ހައްޔަރު ކޮށްފައިވާ ކަމުގެ އަޑު ފެތުރިފައި މިވަނީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރު ކުރާ ކަމަށާއި ބައެއް މީހުން ވަޒީފާއިން އެކަހެރިކޮށް އެމްއެންޑީއެފް އެތެރޭގައި ބަހައްޓައިގެން ތަހުގީގު ކުރަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި އެސްޕީޖީގެ ހަތަރު މީހަކު ސިފައިންގެ ވަޒީފާއިން ވެސް ވަކިކޮށްފައި ވަނިކޮށެވެ.
ކެޕްޓަން ނިޔާޒް ހައްޔަރު ކުރުމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.