ރާއްޖޭގެ ހަލަބޮލުވެފައިވާ ސިޔާސީ މަސްރަހާއި ގުޅޭގޮތުން އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް ކަމަށްވާ ހައުސް އޮފް ކޮމަންސް ގައި ކުރެވުނު ބަހުސް ގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް، ރާއްޖޭގެ މައްސަލަ ހައުސް އޮފް ކޮމަންސްއަށް ހުށަހެޅުއްވި ހޫގޯ ސްވަޔަރ ޝުކުރު އަދާކުރައްވައިފިއެވެ.
ރާއްޖޭގެ މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި ހޫގޯ ސްވަޔަރ އަކީ އެގައުމުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީސްގެ މިނިސްޓަރ އޮފް ސްޓޭޓް ކަން ކުރައްވާފައިވާ ބޭފުޅެކެވެ.
އީސްޓް ޑެވަން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ތަމްސީލު ކުރައްވާ ހޫގޯ ސްވަޔަރ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ހައުސް އޮފް ކޮމަންސް ގައި ރާއްޖެ އާއި ބެހޭގޮތުން ކުރެވުނު ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި އިނގިރޭސި ސަރުކާރުގެ ފަރާތުން މައްސަލައަށް ޖަވާބުދާރީވެވަޑައިގެންނެވި، ފޮރިން އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް، މާކް ފީލްޑް އަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
ހޫގޯ ސްވަޔަރ އިތުރަށް ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ މައްސަލަ އދ އަށް ހުށަހެޅުއްވުމުގައި އިނގިރޭސިވިލާތުގެ ސަރުކާރަށް ކުރެވުނު ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮންނަ ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ ބައްދަލުވުމަށް ވެސް ރާއްޖޭގެ މައްސަލަ ހުށަހަޅަން އިނގިރޭސި ސަރުކާރަށް ކުރެވުނު ކަމެއް ކުރަން ޖެހޭނެ ކަމަށް ސްވަޔަރ ވިދާޅުވިއެވެ.
ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އަންގާރަ ދުވަހުގެ ރޭ ސްވަޔަރ ވަނީ އިނގިރޭސި ސަރުކާރަށް ހަތް ކަމެއް ހުށަހަޅުއްވާފައެވެ.
ސްވަޔަރ ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ؛
- ސިޔާސީ ހައްޔަރީން މިނިވަން ކުރުމާއި، ބަންދުގައި ތިބި ފަރާތްތަކަށް ޤާނޫނީ އެހީ ލިބިގަތުމުގެ ފުރުޞަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުން
- ކޯފީ އަނާން ފަދަ ބޭފުޅަކު އިސްކޮށް ހުންނަވައިގެން އދ. ގެ ވަފުދެއް ރާއްޖެއަށް ޒިޔާތްކޮށް، ރާއްޖޭގެ ހާލަތު ގާތުން ބެލުން
- މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމުގެ ގޮތުން، އެ އިންތިޚާބަކީ ބައިނަލްއަޤުވަމީ ފަރާތެއްގެ ބެލުމުގެދަށުން ކުރިއަށްގެންދާ އިންތިޚާބަކަށް ހެދުމަށް ރާއްޖެއަށް އިނގިރޭސިވިލާތުން ގޮވާލުން
- ޖުޑީޝަރީ ރިފޯމް ކުރުމަށް އިނގިރޭސިވިލާތުން އެހީވެދިނުން
- ވިސްނުން އެއްގޮތް އެހެން ޤައުމުތަކާ ގުޅިގެން ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިނުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެހީވުން
- ރައީސް ޔާމީންގެ އަރިސް ފަރާތްތަކާ ގުޅުން އޮންނަ ރިސޯޓްތަކުގެ ލިސްޓެއް ހޯދައި، އެ ލިސްޓް އާންމުކޮށް، އެތަންތަން ބޮއިކޮޓް ކުރުމަށް، ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރމަންޓްސް ބައްދަލުވުމަށް ހުށަހެޅުން
- 1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށްފި ނަމަ، ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، އެކަމަށް އަމަލުކުރާނެ ޕްލޭނެއް އިނގިރޭސިވިލާތުން އެކުލަވާލުން
ސްވަޔަރގެ މި ހުށަހެޅުންތަކާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ވަނީ ސްވަޔަރގެ ހުށަހެޅުއްވުންތައް އިނގެރޭސި ސަރުކާރުން ބަލައިގަންނަ ކަމަށާއި، އެކަންކަމަށް އަމަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.
ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން މާކް ފީލްޑް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުން މިހާރު ކަން ކުރަމުން ގެންދަވާ ގޮތް ކުށްވެރި ކުރައްވާފައެވެ.