ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފި އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު އަސްލަމްގެ މަގާމުގެ މުއްދަތު ހަމަވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. ކޮމިޝަނުގެ މެންބަރު ކަމަށް އަސްލަމް އައްޔަން ކުރީ، އެކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ބަދުރު ނަސީމް އިސްތިއުފާ ދެއްވުމާއި ގުޅިގެން 2013 ވަނަ އަހަރުގެ މާޗް 14 ވަނަ ދުވަހުއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، މިމަހުގެ 12 ވާ ހޯމަ ދުވަހުގެ 10:00 އެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނުގައި މިހާރު ތިއްބަވަނީ، މުޙައްމަދު ޝަހީބުއާއި، ޒީނާ ޒާހިރުއާއި، އާމިނަތު ސަހުރަތު ޢިއްޒަތުއާއި، ފާޠިމަތު ޒައިނާއާއި، އިސްމާއީލް ޞަފްވާންގެ އިތުރުން ހަސަން ނަބާހު އެވެ.