ކ. ކާށިދޫ އިން ގެއްލިގެން ހޯދަމުންދިޔަ މީހާ އެ ރަށު ވަލުތެރެ އިން ފެނިއްޖެއެވެ.
އޭނާ ގެއްލިގެން ހޯދަން ފެށީ އާންގާރަ ދުވަހުގެ ހަވީރެވެ. އޭނާ ފެނުނީ މިއަދު ހެނދުނު ކާށިދޫ އިރުމަތީ ފަރާތު ވަލުތެރެއިންނެވެ.
ކާށިދޫ ކައުންސިލްގެ ރައީސް އަލީ ސުލްތާން "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާ ފެނުނީ އެ ރަށު އިރުމަތީފަރާތު ވަލުތެރޭ ޗަސްބިމުން ކަމަށެވެ. ފެނުނުއިރު އޭނާ އިނނީ ވިނަގަނޑެއްގެ މަތީގައި އިށީންދެލައިގެން ކަމަށާއި އޭނާއަކީ 63 އަހަރުގެ މީހަކަށް ވެފައި ހިނގާބިނގާވެ އުޅުމުގައި ދައްޗާ ކުރިމަތިވެފައިވާ މީހަކަށް ވުމުން، ރަށުގެ އެހާ ހިސާބު ދުރަށް ދެވޭނެ ކަމަށް ކުރިން ގަބޫލު ވެސް ނުކުރާ ކަމަށެވެ.
ފުލުހުން ވަނީ އޭނާ ފެނުނު ސަރަހައްދު ބަންދުކޮށް، އޭނާ ގެއްލެން މެދުވެރިވި ސަބަބު ހޯދަމުންނެވެ. އަދި އޭނާއާ ސުވާލުކޮށް ކަން ހިނގައިދިޔަ ގޮތް ފުލުހުން ވަނީ އޮޅުން ފިލުވާފައެވެ.
ރާއްޖޭގެ ބިން ބޮޑު ރަށްތަކުގެ ތެރޭގައި ހިމެނޭ ކާށިދޫގެ، އިރުމަތީ ފަރާތު، ވަލުތެރެއިން އެ މީހާ ފެނުނުއިރު، އޭނާ ގެއްލެން މެދުވެރި ކީއްވެގެން ކަމެއް އަދި ނޭނގެއެވެ. އަންގާރަ ދުވަހުގެ ހެނދުނު ގެއިން ނުކުތް ގޮތަށް، އޭނާ އެނބުރި ގެއަށް ނައުމުން، އޭނާ ހޯދަން ފެށީ އިއްޔެ ހަވީރުން ފެށިގެންނެވެ.
އޭނާ ފެނުނީ ފުލުހުންނާއި އާންމު ރައްޔިތުން ކުރި މަސައްކަތުންނެވެ.