ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަން(އެސްއޯ) ގެ ކުރީގެ ކޮމާންޑަރު، ގއ. ގެމަނަފުށީ އިރުމަތީގޭ އަބްދުﷲ އިބްރާހިމް(ޑީޑީ) ހައްޔަރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގު ކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މާލޭގައި މަސައްކަތް ކުރަމުންދަނިކޮށް މީގެ ހަފްތާއެއް ކުރިން ޑީޑީ ވަނީ ގެމަނަފުށި ޕޮލިސް ސްޓޭޝަނަށް ބަދަލުކޮށްފަ އެވެ. އަދި ސަރުކާރު ވައްޓާލަން ރޭވިކަމުގެ ތުހުމަތުގައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.
ޑީޑީ ހައްޔަރުކޮށްފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުލުހުންތަކަކާއެކު އޭނާ ހުންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި، ފުލުހުންގެ ލޯންޗުގައި އޭނާ މާލެ ގެނެސް ފުލުހުންގެ ހެޑްކުއަރަށް ވެއްދި މަންޒަރު ރާއްޖެއެމްވީގެ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ފުލުހުންގެ ލޯންޗަށް ޑީޑީ އަރުވާފައިވަނީ، މާލެ އައިސް ހެޑް ކުއާޓަރަށް ރިޕޯޓް ކުރުމަށް އަންގާފައިވަނިކޮށް، ރަށުން ފުރައިގެން އަންގާރަ ދުވަހުގެ ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް އައި ތަނުންނެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ޑީޑީ ހައްޔަރުނުކުރާ ކަމަށާއި ނަމަވެސް، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފުލުހުން މަރުކަޒަށް ހާޒިރުކުރި ކަމަށެވެ.
ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތް ކުރި ކަމަށް ބުނެ ގިނަ އަދަދެއްގެ ފުލުހުން ހައްޔަރު ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ފުލުހުންގެ ސްޕެޝަލް ވެޕަނަސް އެންޑް ޓެކްޓިކްސް(ސްވަޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފު ވެސް ހިމެނެ އެވެ. ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް ވަނީ ހައްޔަރު ކޮށްފައެވެ.
މީގެ އިތުރުން، އެސްއޯގައި މަސައްކަތް ކުރާ އިތުރު ހަތް އޮފިސަރަކު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.