އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދުން ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި ކަމަށް ބުނާ މައްސަލާގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ރާއްޖޭގެ ބައެއް މީޑިޔާތަކުން ބުނެފައިވާ ގޮތުގައި އެމީޑިޔާތަކަށް ވަނީ ހައްޔަރުކުރީ ކާކުކަން ކަށަވަރުވެފައެވެ. އެކަމަކު އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އޭނާ އަކީ ރާއްޖޭން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ މީހެއް ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ ރޭގެ ވަގުތެއްގައި މާލެއިން ކަމަށް ވެސް އެމީޑިޔާތަކުގައި ބުނެފައިވެއެވެ.
ދިވެހި ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަކުން، އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާ އެކު މުއަމަލާތްތަކެއް ހިންގިކަން ފަޅާއަރުވާލީ ޖަޕާނުގެ ފޮރިން މިނިސްޓްރީ އިންނެވެ. ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޝިން ޔުއާން 18' އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ 'ޗޮން މާން ސަން' ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުންނެވެ.
ޖަޕާނުގެ ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި، އެގައުމުގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް ދެ އުޅަނދު ފެނުނީ އެކަތި އަނެކަތީގައި ބަނދެލަައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކުކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށެވެ.
ދިވެހި ދިދަ ނަގާފައިވާ ޓޭންކަރަކީ ކާނަލް ޒިޔާދުގެ ގްރީން ބޮކްސް ކުންފުންޏަށް ނިސްބަތްވާ ޓޭންކަރެއް ކަމަށާއި، އެ ޓޭންކަރާއި މާލޭގެ ގޯއްޗެއް މޯގޭޖް ކުރުމަށް ފަހު 4.5 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން، ރާއްޖެއެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒިޔާދު ވިދާޅުވީ އެ ޓޭންކަރަކީ އޭނާގެ ކުންފުންޏާ އެއްވެސް ގުޅުމެއް އޮންނަ ޓޭންކަރެއް ނޫން ކަމަށެވެ. އަދި އެއްވެސް ލޯނެއް ވެސް އެފަދަ އިން ނަގާފައި ނުވާނެ ކަމަށް ޒިޔާދު ވިދާޅުވިއެވެ.
'ޝިން ޔުއާން 18' ނަމަކަށް ކިޔާ، ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދަކާއި، އުތުރު ކޮރެއާގެ އުޅަނދަކާ ދެމެދު ކަނޑުމަތީގައި މަނާކުރެވިފައިވާ މުއާމަލާތްތަކެއް ހިންގި ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ދިވެހިންގެ އިއްޒަތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ 'ޝިން ޔުއާން 18' ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫނެވެ.