ހުރިހާ ރަށެއްގެ ކަރަންޓްގެ އަގު އެއް ހަމައަކަށް ގެނެސް، ހެޔޮކުރި އަގުގައި ހަދާ ކަރަންޓް ބިލް ލިބޭނީ އޭޕްރީލް މަހު ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ ފެނަކައިގެ ޑެޕިއުޓީ ޑިރެކްޓަރ އަހުމަދު ނަޖާހު ވިދާޅުވީ، ބައެއް ފަރާތްތަކުން މާޗް މަހު ލިބުނު ކަރަންޓް ބިލުން އަގުތައް ހެޔޮ ނުވާ ކަމަށް ބުނެ ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށާއި ސަރުކާރުން ގެނައި ބަދަލު ފެނިގެންދާނީ އޭޕްރީލް މަހުގެ ބިލުން ކަމަށެވެ.
ފެނަކައިގެ ޗީފް ޓެކްނިކަލް އޮފިސަރ ހުސައިން ހަމީޒު ވިދާޅުވީ ކަރަންޓްގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ މި މާޗް މަހުން ފެށިގެން ކަމަށާއި އެ ބަދަލުގެ އަސަރު ބިލުން ފެނިގެންދާނީ އޭޕްރީލް މަހުން ފެށިގެން ކަމަށެވެ.
"މި އަހަރުގެ މާޗް މަހުގެ ބިލް ވެސް އެހެން އަހަރުތަކަށްވުރެ ހެޔޮވާނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. ސަރުކާރުން މިގެނައި އިސްލާހީ ބަލާ އެކު އޭފްރީލް މަހު ލިބޭ ބިލުން ގެންނާނެ،" އޭނާ ވިދާޅުވި އެވެ.
ކުރިން އެއް ޔުނިޓާއި 100 ޔުނިޓާ ދެމެދުގެ ބިލްތަކަށް 3 ރުފިޔާ 50 ލާރި ޗާޖު ކުރާއިރު، ދެން ޗާޖު ކުރާނީ 1 ރުފިޔާ 50 ލާރި އެވެ.
ނަޖާހު ވިދާޅުވި ގޮތުގައި ސަރުކާރުން މިގެނައި ބަދަލުގެ ސަބަބުން އެވްރެޖް ގޮތެއްގައި ކަރަންޓް ބިލްތަކުން 30 ޕަސެންޓް ހެޔޮވާނެ އެވެ.
"ކޮންމެ އަހަރެއްގެވެސް މާޗް، އޭޕްރީލް، މެއި މަހު ބިލްތައް ބޮޑުވެގެންދާނެ. މިފަހަރު އެހެން ނަމަވެސް ހޫނު ކިތަންމެ ގަދަވި ނަމަވެސް ކަސްޓަމުންގެ ބިލްތައް ކުޑަވާނެ. މިހާރު 100 ޔުނިޓް ބޭނުން ކުރާ މީހެއް ދައްކަންޖެހޭނީ 220ރ. އެހެން ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު ބިލަށް އަރާނީ 150ރ. އެވެ. މިއީ ގާތްގަނޑަކަށް 32 ޕަސެންޓްގެ ކުޑަވުމެއް." ނަޖާހު ވިދާޅުވި އެވެ.
މާލެއާއި އަތޮޅު ތެރޭގައި ދެމުންދާ ކަރަންޓްގެ ހިދުމަތުން ނަގާ ފީ އެއް ހަމައަކަށް ގެނެސްފައިވާކަން އިއުލާނުކޮށްފައިވަނީ ޖެނުއަރީ މަހު އެވެ. އެގޮތުން ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން 400 ޔުނިޓާ ދެމެދުގެ ބޭންޑުތަކުން ޗާޖު ކުރާނީ މާލެއާއި އެއް އަގެކެވެ.