ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ޝަރީފް އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައިވަނީ 33 މެމްބަރުންގެ ވޯޓުން ނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިޖަލްސާގައި ބައިވެރިވެފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް އެނަން ހުށަހެޅެއްވުމުން ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ވޯޓް ދެއްވާފައެއް ނުވެއެވެ.
މަޖިލީހުގެ މިނިވަން އުއައްސަސާތަކުގެ ކޮމެޓީން ޝަރީފްގެ ނަން ދިރާސާ ކުރެއްވުމަށްފަހު ދެއްވާފައި ވަނީ 77.3 މާކްސް އެވެ. އެ ކޮމިޓީން ނަމަކަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްވަނީ 75 މާކްސްއަށްވުރެ މަތިން މާކްސް ލިބޭ ނަމަ އެވެ.
ފަސް މެމްބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަންގެ އެއް ގޮނޑި ހުސްވީ އެ ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާން އިސްތިއުފާ ދެއްވުމުންނެވެ. ސުލައިމާން މިހާރު އައްޔަން ކުރައްވާފައި ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް ކަމަށެވެ.
އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ޝަރީފް އަދާކުރެއްވެވިއެވެ.
ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގައި ވެސް އުޅުއްވިއެވެ.
ޝަރީފް އިލެކްޝަންސް ކޮމިޝަނަށް ބަދަލުކޮށް، ސްލައިމާން އެންއައިސީ އަށް ބަދަލުކުރުމަށް ރާވާފައިވާ ކަމުގެ އަޑުތައް ވަރަށް ކުރިން ފެށިގެން ފެތުރިފައިވެއެވެ.