ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ވޯޓު ދެއްވައިފި އެވެ.
އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ނާޒިމް ރަޝާދު ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވީ ރައްޔިތުންގެ މަޖިލީހުގައި އަންގާރަ ދުވަހު ނެގި ވޯޓުގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު އައްޔަން ކުރުމާ ދެކޮޅަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓު ދެއްވީ ނާޒިމް ރަޝާދު އެކަންޏެވެ. އެ ވޯޓުގައި ސަރުކާރު ކޯލިޝަންގެ 34 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، ޝަރީފުގެ ނަން ފާސްކޮށްފައި ވަނީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޕީޕީއެމްގެ ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވީ ކީއްވެތޯ ނާޒިމަށް ރާއްޖެއެމްވީން ސުވާލު ކުރުމުން، ސީދާ ޖަވާބެއް ނުދެއްވިއެވެ. ބައްދަލުވުމެއްގައި އިންނެވި ކަމަށް ވިދާޅުވެ ނާޒިމް ފޯނު ކަނޑުއްވާލެއްވި އެވެ.
އިލެކްޝަންސް ކޮމިޝަނަށް ޝަރީފު އައްޔަން ކުރަން ފާސްކުރި މަޖިލީހުގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުގެ މަޖިލިސް މެމްބަރަކު ބައިވެރިވެވަޑައި ނުގަންނަވައެވެ.
ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފު އައްޔަން ކުރުމަށް ރައީސް ޔާމީން، އޭނާގެ ނަންފުޅު މަޖިލީހަށް ފޮނުވުމުން ދިރާސާ ކުރުމަށް ފޮނުވި މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި އިދިކޮޅު މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.
މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް ކުރިއަށްދާއިރު، އެ ޖަލްސާތަކަށް މީޑިއާތަކަށް ނުވަދެވެއެވެ. އަދި މަޖިލީހުގެ ލައިވް ފީޑުވެސް މީޑިއާތަކަށް ދުލެއް ނުކުރެއެވެ.
މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ލައިވް ފީޑް މިއަދު ދޫނުކުރެވުނީ ކަރަންޓް މައްސަލައަކާ ގުޅިގެންނެވެ.