އިލެކްޝަންސް ކޮމިޝަން (އީސީ)އަކީ ސަރުކާރުގެ ގޮނޑި ކޮއްކޮއެއް ކަމަށާއި މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލި ކަމަށް އެ ކޮމިޝަނަށް ނުނިންމޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، އަވައްޓެރި ސްރީ ލަންކާގެ ކޮލަންބޯގައި ދިވެހިން ކުރި މުޒާހަރާގައި ރާއްޖެޓީވީއާ ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނަކަށް ނުނިންމޭނެ ކަމަށާއި މެމްބަރުންގެ ގޮނޑީގެ ސައްހަކަމާމެދު އެ ކޮމިޝަނަށް ސުވާލު ވެސް ނުއުފެއްދޭނެ ކަމަށެވެ.
ފުއާދު އެހެން ވިދާޅުވީ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީ އެކަމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުންނެވެ. ރާއްޖޭގެ 60،000 ރައްޔިތުން ތަމްސީލު ކުރާ 12 ދާއިރާއެއްގެ މެމްބަރުންގެ ގޮނޑިއާމެދު ސުވާލު އުފައްދައި، އެ ރައްޔިތުންގެ އިންތިހާބުކޮށްފައިވާ މަންދޫބުން މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލުވާލާފައިވާތާ ހަތް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.
އެ މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުކޮށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލުކޮށް، އަދި އަމަލު ކުރުން މަޑުޖައްސާލާފައިވާތީ ފުއާދު ވިދާޅުވީ ފަސް ފަނޑިޔާރުންގެ އިއްތިފާގަކުން ނިންމި ނިންމުމެއް ތިން ފަނޑިޔާރަކަށް ބަދަލު ނުކުރެވޭ ކަމަށެވެ.
ފުއާދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަންކަން ކުރިއަށް ދަނީ "ހަމައެއް ލަމައެއް ނެތި" ކަމަށެވެ.
"ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި އޮތް ކަމެއް، ތިން ފަނޑިޔާރަކަށް ބަދަލެއް ނުކުރެވޭނެ. ހަމަ ބުއްދި ސަލާމަތުން ހުރި މީހަކަށް ވެސް އެކަން ވިސްނޭނެ. ރާއްޖޭގެ ކަންކަން މި ދަނީ ހަމައެއް ލަމައެއް ނެތި. ސަލާމަތް ބުއްދި ހުރި ބަޔަކަށް އެކަން އެނގޭނެ،" ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ އެއްވުމުގައި ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާފައިވާ ކަަމަށް އިޝާރާތްކޮށް ފުއާދު ވިދާޅުވީ އެ ކޮމިޝަނަކީ "ގޮނޑި ކޮއްކޮއެއް" ކަމަށެވެ. އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު އެނގިގެންދަނީ މަޖިލިސް މެމްބަރުންނާމެދު އެ ކޮމިޝަނުން އަމަލު ކުރަމުންދާ ގޮތުންނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، ޕީޕީއެމް އެމަނިކުފާނުގެ އަތުން "ޖަހައިގަތުމުން" އެކަމާމެދު އަޅާނުލައި އެ ކޮމިޝަނުން މަޑުން އޮންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.