ސިޔާސީ މަގުސަދުގައި ހައްޔަރު ކޮށްފައިވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރަން ގޮވާލައި، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން މުޒާހަރާކޮށްފި އެވެ.
ސިޔާސީ ހައްޔަރީންނާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ބޭފުޅުން މިނިވަންކުރުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކާއެކު މުޒާހަރާ ފެށީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ކުރިމަތީގައި މިއަދު ހެނދުނު 10:30 ހާއިރު އެވެ. މި މުޒާހަރާ ނިންމާލީ 12:30 ގަ އެވެ. ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދިނުމަށާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަހްމަދު ޝިޔާމާއި އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ހައްޔަރުކުރުމަށް އެއްވުމުގައި ގޮވާލި އެވެ.
މުޒާހަރާ އިންތިޒާމް ކުރުމަށް އިސްކޮށް ހަރަކާތެރިވި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ތޯރިގް ވިދާޅުވީ މި މުޒާހަރާއާކީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާއި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ މުޒާހަރާތަކުގައި ބައިވެރިވުމުގެ ގޮތުން ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުން އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއެއް ކަމަށެވެ. މި މުޒާހަރާއަށް ދިވެހި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހެސެއިން ޝަރީފް (މުންދު) ވެސް ތާއިދުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ތޯރިޤް ވިދާޅުވިއެވެ.