ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހެއްގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ވެސް ތާވަލުކޮށްފި އެވެ.
މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލްކޮށްފައި ވަނީ މިއަދު 3:00 އަށެވެ. ގަދަކަމުން ރިލްވާން ފޮރުވާފައިވާ ކަމަށް ބުނެ ދައުލަތުން ޓެރަރިޒަމްގެ ދައުވާކޮށްފައި ވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ. އޭގެ އިތުރުން ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށް ވެސް އެ ދައުވާ ކޮށްފައިވެ އެވެ. އެހެން ނަމަވެސް ސުމައިދު ރާއްޖޭގައި ނެތް ކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ދައުލަތުން މީގެ ކުރިން ކޯޓްގައި ވަނީ ބުނެފައެވެ.
އެ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހަށް ވެސް ތާވަލު ކުރި އެވެ. ނަމަވެސް އެ މައްސަލަ ވަނީ ފަހުން ކެންސަލްކޮށްފަ އެވެ.
އެ މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވައިފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގައި ޝަރީއަތުގެ މެދު ތެރެއިން އިތުރު ހެއްކަކު ހުށަހަޅަން ބޭނުންވުމުން ގާނޫނީ މައްސަތަކެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ އިތުރުން އެ ދުވަހުގެ އަޑުއެހުމުގައި ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު ހަތް މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ.
އެ މީހުންގެ ހެކިބަސް ނެގީ ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކާރުގެ ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާތީ ރިލްވާން އެކާރަށް އެރުވިކަން ސާބިތުކޮށްދިނުމަށެވެ. އަދި އެކާރަށް ރިލްވާން މަންމަގެ އެހެން ދަރިއަކު އަރާފައިނުވާކަން ސާބިތުކޮށްދިނުމަށް ރިލްވާން މަންމަގެ ދަރިންގެ ތެރެއިން މާލޭގައި ތިބި ހުރިހާ ހެކިން ހާޒިރު ކުރީ އެވެ. ނަމަވެސް ރިލްވާން މަންމަގެ ނުވަ ކުދިން ތިބޭއިރު އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ ހުރިހާ ކުދިންގެ ހެކިބަސްނަގާ ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝަރީއަތަށް ހާޒިރު ނުކުރެވި ހުރީ ރިލްވާންގެ އެއްބަނޑު މޫސާ ރިލްވާން ވެސް ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.