އެއްވެސް ޙާލެއްގައި ފުލުހުންގެ ދައުރަށް ހުރަސް ނާޅުއްވާ ކަމަށާއި، އެހެން ނަމަވެސް ރައްޔިތުންނަށް ޤާނޫނު އަސާސީއިން ލިބިދީފައިވާ ހައްޤުތަކަށް ސަރުކާރުން ހުރަސްއެޅިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރީ އެ ދާއިރާގެ ރައްޔިތުންނާއިއެކު، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ މަގުމަތީގައި އިހުތިޖާޖުކުރައްވަނިކޮށް ކަމަށެވެ. ޝާހިދު ވިދާޅުވީ އެމަނިކުފާނު ފުލުހުންގެ ވާޖިބަށް ހުރަސް ނާޅުއްވާ ކަމަށާއި އަދި ނުވެސް އަޅުއްވާނެކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުގެ ހައްޤަށް، ރައްޔިތުންގެ އަސާސީ ހައްޤަށް، އަޅުގަނޑު އިންތިޚާބު ކުރި ފަސް ހާސް މީހުންގެ ހައްޤަށް، ހުދުމުޚުތާރު ސަރުކާރުގެ ފަރާތުން ހުރަސް އެޅީ،" ޝާހިދު ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ހަވީރު މާލޭގެ މަޖީދީ މަގުގައި އިހްތިޖާޖުކުރަމުން ދަނިކޮށް ފުލުހުން ޝާހިދު ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ. ޝާހިދު އެތަން ސިފަކުރެއްވީ "ޤާނޫން އަސާސީއިން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤުތައް ނިގުޅައިގަންނަ މަރުކަޒެއް"ގެ ގޮތުގައެވެ.
ޝާހިދު ވިދާޅުވީ އެމަނިކުފާނު ހައްޔަރުކޮށް ދޫނިދޫއަށް ގެންދިޔަ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމަށާއި، ދައްކަންވީ ދޫނިދޫއަށް ގެންދެވުނު އާއްމުންގެ ވާހަކަ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ އެއްވުމުގެ ތެރެއިން ދޫނިދޫއަށް ގެންދެވުނު ބައެއް ފަރާތްތަކުގެ ނަންތައް ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އޭގެ ތެރެއިން ބައެއް ފަރާތްތައް ދޫނިދޫއާއި ހަމަޔަށް ގެންދެވުނީ ބިޑި އަޅުވައިގެންކަމަށެވެ. އަދި އިންތިޚާބުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ހައްޔަރުކުރެވުނުއިރު، އެހެން މީހުން ހައްޔަރުކުރެވުނީ ފަރުދީ ޒިންމާ އަދާކުރަމުން ދަނިކޮށްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދޫނިދޫގައި ހުރި ވަގުތުކޮޅުތަކުގެ ތެރޭގައިވެސް އަދި މިހާރުވެސް އަޅުގަނޑަށް އެބޭބޭފުޅުން އެހެރަ ހިތްވަރާއި، އެބޭފުޅުން ރާއްޖޭގެ ކަންތައްތައް އިސްލާހުގެ މަގަސް ގެންނެވުމަށް އެކުރައްވަން ބޭނުންފުޅުވާ ބުރަ މަސައްކަތް، ވެވަޑައިގަންނަވާ ޤުރުބާނީ އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގިފައި އޮތީ،" ޝާހިދު ވިދާޅުވިއެވެ.
ހުކުރު ދުވަހުގެ ހަވީރު ޝާހިދު ހައްޔަރުކުރީ މަޖީދީ މަގާއި ސޯސަން މަގާއި ގުޅުނު ހިސާބުގައި، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ އިހްތިޖާޖްކުރައްވަމުން ގެންދަވަނިކޮށެވެ. ޝާހިދާއިއެކު ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒްވެސް ހައްޔަރުކުރިއެވެ. ދެބޭފުޅުން އެއްވަގުތެއްގައި އެއް ތަނަކުން ހައްޔަރުކުރިނަމަވެސް، ރިޔާޒް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންކަމަށް ބުނެ، ދޫކޮށްލާފައެއް ނުވެއެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައިގައި އަންގާރަ ދުވަހުގެ ހަވީރު ފުލުސް އޮފީހަށް ހާޒިރުވުމަށް ޝާހިދަށް ވަނީ ޗިޓް ފޮނުވާފައެވެ.