އެއްވުންތަކުގައި ފުލުހުން ކުރާ އަނިޔާ އާއި ތަކެއްޗަށް ގެއްލުންދޭ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހެޅުނުނަމަވެސް އެމައްސަލަތައް ނުބެލޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މ. ކުނޫޒުގައި ހޯމަ ދުވަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އަމީތު ވިދާޅުވީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ގޮވާލާ އިހުތިޖާޖުކުރަމުންދާ ފަރާތްތަކާއި ދެކޮޅަށް ފުލުހުން ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާކަމަށާއި، ސިޔާސީ ޕާޓީތަކުގެ ހަރުގެ ތަކުގައި ހުންނަ ތަކެއްޗަށް ފުލުހުން ގެއްލުން ދެމުންދާކަމަށެވެ.
"ޤާނޫން އަސާސިއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ބާރެއްގެ ބޭނުންކޮށްގެން ސުލްހަވެރިކަމާއިއެކު އިހްތިޖާޖުކުރަމުން ދަނިކޮށް އެއިހުތިޖާޖު ރޫޅާލުމަށްޓަކައި އަނިޔާވެރި ގޮތަކަށް އަމަލުކުރުން އެއީ ދިވެހި ފުލުހުންނަށް އެއްވެސް ޤާނޫނަކުން ލިބިދީފައި އޮތް ހައްޤެއް ނޫން"، އަމީތު ވިދާޅުވިއެވެ.
އަމީތު އިތުރަށް ވިދާޅުވީ މުޒާހަރާތަކާއި އެއްވުންތައް ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުން ކުރާ މައްސަލަތަކާއި އަދި އެމްޑީޕީ ހަރުގެއަށް ވަދެ، އެތަނުގައި ހުންނަ ސައުންޑް ސިސްޓަމަށް ގެއްލުންދޭ މައްސަލަތައް ފުލުހުންގެ އިދާރާއަށް ހުށަހަޅާކަމަށެވެ. އެހެން ނަމަވެސް އެމައްސަލަތައް ނުބެލޭކަމަށް އަމީތު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެ ހިތާމަޔާއިއެކު ފާހަގަކުރަނީ މިގޮތަށް މީހުންނަށާއި ތަކެއްޗަށް މިލިބޭ ގެއްލުންތައް ލިބުނީމަ އެކަމުގެ ޝަކުވާ ޕޮލިހުންގެ މުއައްސަސާއަށް އަޅުގަނޑުމެން ކުރިކަމުގައިވީނަމަވެސް ހަޤީގަތުގައި ފުލުހުންގެ މުއައްސަސާގެ ތެރެއިން ބެލެމުން ނުދާކަން. މިކަންކަން ހައްލުކުރުމަށްޓަކައި ފިޔަވަޅު އެޅެމުން ނުދާކަން. މީގެ ނަތީޖާއަކަށް ހަޤީގަތުގައި ވެގެން މިދަނީ މިގޮތަށް އެއްވުންތައް ރޫޅާލުމަށްޓަކައި އަނިޔާވެރިކަމާއި އެކީގައި މަސައްކަތްކުރާ މަދު ބަޔަކަށް، މިކަންކަން އިސްލާހުކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ތެރެއިން ފިޔަވަޅު ނޭޅިމައި، ހިތްވަރު ލިބިގެން އެބަދޭ،" އަމީތު ވިދާޅުވިއެވެ.
ފުލުހުންގެ މުއަސަސާއިން މިކަންކަން ނުބެލިނަމަވެސް މައްސަލަ ހުށަހަޅަން ޖެހޭ އެހެން އިދާރާތަކަށް މައްސަލަތައް ހުށަހަޅުއްވާކަމަށް އަމީތު ފާހަގަކުރެއްވިއެވެ. އެގޮތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް މައްސަލަތައް ހުށަހަޅުއްވާފައިވާކަމަށާއި، އެހެން ނަމަވެސް އެކޮމިޝަނުންވެސް މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިހާތަނަށް އައިއިރުގަ ހަޤީގަތުގައި މިކޮމިޝަންވެސް އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާކަން މިއީ އަޅުގަނޑުމެން ހިތާމަޔާއިއެކު ފާހަގަކުރާކަމެއް. އެހެންނަމަވެސް މިއަދާއި ހަމަޔަށް އައިއިރު މިކޮމިޝަނަށް އަޅުގަނޑުމެންގެ ގުޅިފައިވާ އިއްތިޙާދުން ވާނީ ހުށަހަޅާފައި. މިހާތަނަށް ހުށަހެޅިފައިވާ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލައި، ދިރާސާކޮށް، އަދި ފިޔަވަޅު އެޅުމަށްޓަކައި ކޮމިޝަނުން މަސައްކަތްކޮށްފައިނުވާކަން އަޅުގަނޑުމެން ފާހަގަކުރަން،" ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ އެމްޑީޕީ ހަރުގެއަށް ވަދެ އެތަނަށް ގެއްލުން ދިން ފުލުހުންގެ މައުލޫމާތު އެއްކުރަމުންދާކަމަށާއި، އެފުލުހުންގެ ފޮޓޯތަކާއި ވީީޑިއޯތައް މިހާރު ހޯދަމުންދާކަމަށެވެ. އަދި އެމައްސަލަވެސް އެންއައިސީއަށް ހުށަހަޅާފައިވާކަމަށް އަމީތު ވިދާޅުވިއެވެ.
އެންއައިސީގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް އަމީތު ވިދާޅުވިއިރު، އެންއައިސީގެ ރައީސްގެ މަޤާމުގައި ކުރިން ހުންނެވި ޔޫސުފް މާނިއު ފުލުހުންގެ އިދާރާއިން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތައް ބައްލަވާނެކަމަށާއި، ފުލުހުން ޖަވާބުދާރީ ކުރުވާނެކަމަށް ވިދާޅުވިތާ ހަފްތާއެއްގެ ތެރޭ ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި އެކޮމިޝަންގެ ރައީސްގެ މަޤާމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން ވަނީ ނިމިދިޔަ ހަފްތާގައި އައްޔަންކޮށްފައެވެ.