ހައުސިން މިނިސްޓްރީން އެސްޓީއޯއާ ހަވާލުކޮށްގެން ހަދަމުންދާ ފުޑް ކޯޓްގެ އެއްވަނަ ބްލޮކް އާއި ދެވަނަ ބްލޮކްގެ މަސައްކަތް މި މަހު ނިމޭނެ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެ ކުންފުނިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ ފަރާތުން މާލެ ހުޅަނގު ފަރާތު ހާބަރު ސަރަހައްދުގައި އިމާރާތް ކުރަމުންގެންދާ ފުޑްކޯޓްގެ 26 ޔުނިޓް ކުއްޔަށް ދިނުމަށްޓަކައި 21 ޖަނަވަރީ 2018 ގައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅާފައިވަނީ 22 ޔުނިޓަށް ކަމަށެވެ. އަދި އެ ޔުނިޓްތަކުގެ ބިޑްތައް އިވެލުއޭޓްކޮށް 19 ފަރާތަކަށް ވަނީ އެވޯޑް ނޮޓިފިކޭޝަން ފޮނުވިފައި ކަމަށާއި އެވޯޑިންގ ޕްރޮސެސް ނިންމާ ޔުނިޓްތަކުގެ ވެރިފަރާތްތަކާއިއެކު އެގްރިމެންޓްގައި ސޮއިކުރުމުގެ މަރުހަލާ ކުރިއަށް އޮތް ހަފްތާގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ފުޑް ކޯޓްގެ 26 ޔުނިޓްގެ ތެރެއިން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާ 4 ޔުނިޓަށް ދެވަނަ ފަހަރު ޓެންޑަރ އަށް އިއުލާން ކުރެވި 11 ފެބްރުއަރީ 2018 ގައި އެޔުނިޓްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އަދި 4 ޔުނިޓްގެ ބިޑްތައް ވެސް މިހާރު އިވެލުއޭޓް ކޮށް އެވޯޑް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުޑްކޯޓް ގެ ބްލޮކް 1 އަދި 2 (އަމީނީމަގު) ގެ އަމަލީ މަސައްކަތް ނިމި މިހާރު ކުރެވެމުން ދަނީ އެތަނުގެ ލޭންޑްސްކޭޕިންގް ގެ މަސައްކަތް ކަމަށާއި މި މަސައްކަތް މި މަހު ނިންމާ ދެ ބްލޮކް ގެ އޮޕަރޭޝަންސް ފެށޭނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތުދެއެވެ.
ފުޑްކޯޓްގެ ބްލޮކް 3 އަދި 4 ގެ (އިއްޒުއްދީން މަގު) ގެ ސިވިލް މަސައްކަތް އޭޕްރިލް މަހުގައި ނިންމާ މެއި މަހު އެދެބްލޮކް ގެ އޮޕަރޭޝަން ފެށޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
ފުޑް ކޯޓްތަކުގެ މަސައްކަތް ނިންމާނެ ކަމަށް ހައުސިންގް މިނިސްޓްރީން ފުޓްކޯޓްތައް ހުޅުވާނެ ތާރީހުތަކެއް ހާމަކުރިއިރު މީގެ ކުރިން ވެސް ފުޑް ކޯޓްތައް ހުޅުވޭނޭ ކަމަށް ބުނެ ގިނަ ތާރީހު ތަކެއް އެސްޓީއޯ އާއި ހައުސިންގ މިނިސްޓްރީން ވެސް ވަނީ ހާމަކޮށްފައެވެ.
ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 25 ނުވަތަ 27 ފުޑް ކޯޓް އެޅޭނެ ކަމަށް ހައުސިންގް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ކުރިން އެ ސަރަހައްދުގައި ގާތްގަނޑަކަށް 40 ވަރަކަށް ކަޑަ ނުވަތަ ފުޑް ސްޓޯލް ހުއްޓެވެ.
ފުޑް ކޯޓްތަކުގެ މަސައްކަތް 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ފެށުނު ނަމަވެސް، އެއަހަރުގެ ޖުލައި މަހުން ފެށިގެން މަސައްކަތް ހުއްޓުމަކަށް އައެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރެވުނީ ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.