ސިފައިންގެ 3 ވަނައަށް އެންމެ މަތީ ވެރިޔާ އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ވެރިޔާ ޖެނެރަލް ޒަކަރިއްރާ މަންސޫރު ހައްުޔަރުކޮށް، ސިފައިންގެ މައި މަރުކަޒުގައި ބަންދުކޮށްފައިވާކަމުގެ ޚަބަރުތައް ލިބިވަޑައިގެންފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ސިފައިންނާއި ފުލުހުން، ރައީސް ޔާމީނުގެ ޣައިރު ޤާނޫނީ އަމުރުތަކަށް ކިޔަމަންވަމުންދާނީތޯ އަމިއްލަ ނަފްސާ ސުވާލުކުރަން ޖެހޭ ވަގުތުކަމަށެވެ. އަދި ޖެނެރަލް މަންސޫރަކީ ސިފައިންގޭގައި އެންމެ ގިނަ ދުވަހު މަސައްކަތްކުރެއްވި އެއް އޮފިސަރުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
Reports that MNDF 3rd in command, General Mansoor, detained in army HQ in Male'. One of the longest serving MNDF officers. It's time individual soldiers, and police officers, ask themselves if they want to keep following Prez. Yameen's unlawful orders
— Mohamed Nasheed (@MohamedNasheed) March 5, 2018
ޖެނެރަލް ޒަކަރިއްޔާ މަންސޫރު ހައްޔަރުކޮށްފައިވާކަމުގެ ޚަބަރުތަކެއް އާދިއްތަ ދުވަހުވެސް ފެތުރުނެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޖެނެރަލް މަންސޫރަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލްއެވެ.
ރައީސް ނަޝީދުގެ މި ޓްވީޓާއި ގުޅިގެން އެމްއެންޑީއެފްއިން ބުނީ"އެމްއެންޑީއެފް އާއި ގުޅުވައިގެން ފަތުރަމުންދަނީ ހަޤީގަތެއް ނެތް ދޮގު ޚަބަރެއްކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވާ"ކަމަށެވެ. އެހެން ނަމަވެސް އިތުރު ތަފްޞީލެއް ދީފައެއް ނުވެއެވެ.
ސިފައިންގެ ޖެނެރަލް ރޭންކްގެ އޮފިސަރަކު ހައްޔަރުކުރި ޚަބަރު ފެތުރިފައިމިވަނީ، ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕަށް ނިސްބަތްވާ ސިފައިންގެ ބަޔަކުވެސް ހައްޔަރުކޮށްފައިވާކަމަށް އެމީހުންގެ އާއިލާތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ.