ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަހައްޓާފައި ހުންނަތާ މަހެއް ވެގެން ދިޔައިރު، ނަދީމް ހައްޔަރުކުރި ކޮން ތުޙުމަތެއްގައިކަންވެސް ނަދީމްއަށް އަންގާފައި ނުވާކަމަށް ނަދީމްގެ ޤާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.
ނަދީމްގެ ޤާނޫނީ ވަކީލު، އަލްއުސްތާޛް މަހުފޫޒް ސައީދު ވިދާޅުވީ، މި އަހަރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ނަދީމް ހައްޔަރުކޮށް، ދޫނިދޫގައި ބަންދުކޮށްފައި ހުންނަތާ މަހެއްވީއިރު، ނަދީމްގެ މައްޗަށް ކުރަ ތުޙުމަތު ނަދީމްއަށް އަންގާފައި ނުވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން މަހުފޫޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުން ވަރަށް އަވަދިނެތި އުޅޭ ކަމާއި، ޤައިދީއަކާއި ސުވާލުކޮށް ތަޙުޤީޤު ކުރުމަށް ވަގުތު ނުވެދާނެކަން ޤަބޫލުކުރައްވާ ކަމަށެވެ. އަދި މަހުފޫޒްގެ މުވައްކިލު، މުޙައްމަދު ނަދީމް ހައްޔަރުކޮށް ދޫނިދޫގައި ހުންނަތާ މަހެއް ވެފައިވާކަން ހަނދާންކޮށްދޭން ބޭނުންވާ ކަމަށްވެސް މަހުފޫޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.
I understand @PoliceMv officers are really busy and may not find time to investigate and question a detainee. Would like to remind you my client @MNadhym was arrested a month ago and is in dhoonidhoo. Please visit him sometime and let him know why he was arrested. Thank you
— Mahfooz Saeed (@MahfuzSayd) March 5, 2018
މީގެ އިތުރުން މަހުފޫޒް ވަނީ ނަދީމަށް ޒިޔާރަތްކޮށް، ނަދީމް ހައްޔަރުކުރީ ކީއްވެކަން އޭނާއަށް އޮޅުންފިލުވައިދިނުމަށް ފުލުހުންގެ ފަރާތުން އެދިފައެވެ.
ނަދީމް ހައްޔަރުކޮށްފައިވާ ސަބަބު އޭނާއަށް އަންގާފައި ނުވާއިރު ތަޙުޤީޤު ކުރުމުގެ ގޮތުން އޭނާ އާއި މިހާތަނަށް ސުވާލުވެސް ކޮށްފައެއް ނުވެއެވެ.
ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ ނަދީމް ހައްޔަރުކޮށްފައިވަނީ އެރޭ ރާއްޖޭގައި އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ. ނަދީމްގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރި ފަހުން ސިޔާސީ އެކި ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލީ ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ.