ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރުމާބެހޭ އާ ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.
ފެމިލީ ކޯޓުން އާންމުކޮށްފައިވާ މި ގަވާއިދު އެކުލަވާލުމުގެ މައިގަނޑު މަގްސަދަކީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކޮށް ހައްގު ލިބެންވާ ފަރާތްތަކަށް އެ ހައްގު ހޯދައިދިނުމާއި އާއިލީ މަސްލަހަތު ހިމާޔަތްކުރުމަށް ވަކި އިންތިޒާމެއްގެ މަތިން މަސައްކަތް ކުރުމެވެ.
މި ގަވައިދުގައިވާ ގޮތުން ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރު ތަންފީޒުކުރުމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެ މައްސަލައެއް ބަދަލުމުންދާ ސެކްޝަނުން ކަމަށެވެ. އަދި ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރާނީ އެއް ފަހަރު ކަމަށްވެސް ހާމަކޮށްފައިވެ އެވެ. އޭގެ ތެރެއިން އެފަދަ މައްސަލައެއް ބެލޭނީ ހުކުމާ އެއްގޮތަށް އަމަލުނުކޮށްގެން ހައްގު ލިބެންވާ ފަރާތުން އެ ހުކުމް ތަންފީޒުކޮށްދިނުން އެދި ވަކި މައްސަލައެއް ގޮތުގައި ހުށަހެޅުމުން ކަމަށްވެސް ގަވައިދުގައިވެ އެވެ.
ކޯޓުން ކުރާ ހުކުމްތައް ރަޖިސްޓްރޭޝަން ސެކްޝަނަށް ލިބުމުން އޭގެ ތެރެއިން ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ ހުކުމްތައް ފާހަގަކޮށް އެފަދަ ހުކުމްތައް ތަންފީޒު ކުރަމުންދޭތޯ ސެކްޝަނުން ކަށަވަރު ކުރަންވާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. ހުކުމާ އެއްގޮތަށް ކޯޓަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވޭތޯ ބެލުމަށްޓަކާއި ކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަނުން ކޯޓުގެ ފައިސާއާބެހޭ ސެކްޝަނަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.
ޝަރީއަތުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އަމަލު ނުކުރާ ކަމުގައިވާ ނަމަ ފުލުހުން މެދުވެރިކޮށް ހުކުމް ތަންފީޒު ކުރުމަށް އަމުރުކުމާއި ދިހަ ހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ކޯޓަށް ލިބިގެންވެ އެވެ.
މި ގަވައިދުގެ ދަށުން ފައިސާ ނުދައްކައިގެން ބަންދުކޮށްފައިވާ މީހަކު ނުވަތަ އަރުވައިލެވިފައިވާ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައިފި ނަމަ އެމީހަކު ބަންދުން ދޫކޮށްލުމަށް އެންގޭނެ ކަމަށާއި ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތް އެއްބަސްވެއްޖެ ނަމަ ދެ ފަރާތް އެއްބަސްވި ގޮތަކަށް އަމަލުކުރަން އަންގާ މައްސަލަ ނިންމާލެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.
މީގެ ކުރިން ފެމިލީ ކޯޓުން އަމަލު ކުރަމުންދިޔައީ މިދިޔަ 2015 ވަނަ އަހަރުގެ ޖޫން ދެ ވަނަ ދުވަހު ފާސްކޮށްގެން އަމަލަކުރަމުންދިޔަ ގަވައިދެވެ. އާ ގަވާއިދަށް އަމަލު ކުރަން ފެށުމުން 2015 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުންދިޔަ ގަވައިދު އުވިގެންދާނެ އެވެ.