ކޯޓު އަމުރެއް ތަންފީޒުކުރުމަށް ދެކޮޅު ހަދައި ކޯޓުގެ ހުރުމަތް އެއްވެސް އިރަކު ކަނޑާފައިނުވާނެ ކަމަށާއި، ކޯޓުގެ ހުރަމަތް ކަނޑާފައިވަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޤާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީން ގެނެސްދިން "އަދަބުން އަދަބޯތް" ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އާދީއްތަ ދުވަހު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަލީ ހުސެއިންނާއި މައިގަނޑު ގޮތެއްގައި ސުވާލުކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓަށް ހާޒިރުކުރުމާއި ގުޅޭގޮތުން ރާއްޖެޓީވީގެ ސުންގަޑި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ކޯޓުގެ ހުރުމަތް ކެނޑުމަކީ ކޯޓުން ހުކުމެއް ކުރުމުން އެ ހުކުމް ތަންފީޒު ނުކުރުންކަމަށެވެ. އަދި އޭނާއަކީ ތަންފީޒީ އިދާރާއެއްގައި މަސައްކަތްކުރާ މީހެއް ނޫން ކަމަށާއި، އެހެންކަމުން ކޯޓުގެ ހުރުމަތް ކަނޑާފައިނުވާނެކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ ކޯޓު އަމުރަށް ތަބާނުވެ އޮތީ މި ސަރުކާރާއި، ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި ކޯޓުގެ ހުރުމަތް ކަނޑާފައި ހުންނެވީ "ސީދާ ރައީސް އަބްދުﷲ ޔާމީން" ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ފަސް ދުވަސްވަންދެން ރައްޔިތުންނަށް "ދޮގު ހަދައި އޮޅުވާލާފަ" އެވެ. އެމަނިކުފާނު ފުލުހުން ލައްވައި ދޮގު ހެދުވި ކަމަށާއި، ކަރެކްޝަނަލް ސާރވިސް ލައްވާވެސް ދޮގެއް ހެއްދެވިކަމަށް އަލީ ހުސެއިން ތުހުމަތުކުރެއްވި އެވެ.
"އެމްއެންޑީއެފް ލައްވާ ދޮގު ހެދުވީ، އެޓާނީ ޖެނެރަލް ލައްވާ ދޮގު ހެދުވީ، ޕްރޮސިކިއުޓަރ ޖެނެރަލް ލައްވާ ދޮގު ހެދުވީ އެނގޭތޯ. ހަމަ އެ ހުކުމް ތަންފީޒްކުރާނަމޭ ކުރާނަމޭ ކުރާނަމޭ ކިޔައިގެން ދޮގު ހެދުވީ. ރައްޔިތުންނަށް އޮޅުވާލީ އެނގޭތޯ، މަކަރު ހެދީ."
އަލީ ހުސެއިން ވިދާޅުވީ ކުއްލި ނުރައްކަލު އިއުލާންކޮށްގެން ވެރިކަން ކުރާ ހިސާބަށް ކަންތައް ދިޔުމުން އެ އޮތީ އެއްކޮށް ފެއިލްވެފައިކަމަށެވެ. އަދި ފެއިލްވުމުން އިތުރަށް ޤައުމު ހިންގާނެކަމަށް ބުނުމުގެ ބޭނުމެއް ނެތްކަމަށާއި، ދިވެހިންގެ ކުރިމަތީގައި ފަލީހަތްވާނެ އެންމެ ބޮޑު މިންވަރަކަށް ރައީސް ޔާމީން ހުންނެވީ ފަލީހަތްވެފައިކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
"މިހާރު އެ ކުރާ މަސައްކަތަކީ ފެތޭތީވެ، ފެތިގެންދާއިރު ދިވެހި އެތަކެއް މައުސޫމް ރައްޔިތުންނެއް ހަމަ (އެމްއެންޑީއެފްއާއި، ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ) ޔާމީނާއެކުގައި ފައްތާލުމަށްޓަކަިއ ކުރާ މަސައްކަތްތަކެއް."