ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއް ނެތި ބަންދުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަދި މަޝްއޫރު ޤާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔަމީން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހުގަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ވަގުތުން އެމަނިކުފާނަށް ތާއީދުކުރާ ފުލުހުންނާއި ސިފައިން މެދުވެރިކޮށް ގިނަ އަދަދެއްގެ ސިޔާސީ މީހުންނާއި ފަނޑިޔާރުން ހައްޔަރުކޮށްފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ހައްޔަރުގައި ތިބި މީހުންގެ ތަފްސީލް ހާމަކުރައްވަމުން ރައީސް މުހައްމަދު ނަޝީދުގެ ޤާނޫނީ ވަކީލެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާ ހިސާން ހުސެއިން ވިދާޅުވީ ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާކަމަށާއި، އޭގެތެރެއިން ގިނަ މީހުންގެ ގިނަ ހައްޤުތަކެއް ނިގުޅައިގަނެފައިވާކަމަށެވެ. އަދި އޭގެތެރެއިން އެއްވެސް މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވެސް ނުވާކަމަށް ހިސާން ވިދާޅުވި އެވެ.
Our records show that 36 people are currently being arbitrarily detained under the SoE by @PoliceMv .Those detained are being denied many of their fundamental rights&none of them have seen a judge since their arrest,some have been in detention for almost a month #MaldivesInCrisis
— Hisaan ؟ (@hisaanhussain) March 4, 2018
ހިސާން ވިދާޅުވި ގޮތުގައި ހައްޔަރުގައި ތިބި 36 މީހުންގެ ތެރެއިން 34 މީހަކު ތިބީ ދޫނިދޫ ޖަލުގަ އެވެ. އަދި އެކަކު ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައިވާއިރު، ދެން ހުރި މީހާ ހުރީ ގޭ ބަންދުގައިކަމަށް ހިސާން ވިދާޅުވި އެވެ. ހިސާން ވިދާޅުވި ގޮތުގައި ހައްޔަރުގައި ތިބީ 34 ފިރިހެނުންނާއި ދެ އަންހެނުންނެވެ.
As per our records, amongst the 36 arrested by @PoliceMv under the SoE;
— Hisaan ؟ (@hisaanhussain) March 4, 2018
- 34 people are detained in Dhoonidhoo, 1 person at Villigili Police and 1 person is kept under house arrest
- 34 men and 2 women are under detention #MaldivesInCrisis #StateOfEmergency
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު އެންމެ ފުރަތަމަ ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދު އެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި، ބިދޭސީންނާއި، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ހައްޔަރުކޮށްފައިވެ އެވެ.