ކ. މާލެ
|
3 މާރޗް 2018 | ހޮނިހިރު 13:09
ލޯނު ލިބުނު ކުދިންނަށް ލޯނު ހަވާލު ކުރަނީ
ލޯނު ލިބުނު ކުދިންނަށް ލޯނު ހަވާލު ކުރަނީ
މުރުޝިދް އަބްދުލް ހަކީީމް
މަތީ ތައުލީމުގެ ފުރުސަތު
ލޯނު އެހީގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމަށް 560 ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލައިފި
 
ރާއްޖޭގައި މެޑިސިން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
 
ރާއްޖެއިން ބޭރަށް ކިޔަވާ ކުދިންނަށް 200 ފުރުސަތު
 
މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް 60 ފުރުސަތު ވަނީ ހުޅުވާލައިފައި

ހަޔަރ އެޑިއުކޭޝަނުން މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

މިފަހަރު ފުރުސަތު ހުޅުވާލާފައި ވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 500 ފުރުސަތާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް 60 ފުރުސަތެވެ. ސަރުކާރުން އަލަށް ހުޅުވާލި 500 ފުރުސަތުގެ ދަށުން ގައުމީ ސަނަދުގެ އޮނިގަނޑުގެ ފެންވަރު ފަހަކުން ފެށިގެން 10 ގެ ނިއަލަށް ކޯސްތަކަށް ކުރިމަތިލެވޭ އިރު ޕައިލެޓް ލައިސަންސް ހޯދުމަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފައެވެ. އެހެންކަމުން މި ފަހަރު ޑިޕްލޮމާ ލެވެލްގެ ކޯސްތަކުން މަތީގެ ހުރިހާ ކޯހަކަށް ލޯނަށް އެދެވޭނެއެވެ.

މީގެ އިތުރުން  މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންނަށް ހުޅުވާލި 60 ފުރުސަތުގެ ތެރެއިން ހުޅުވާލާފައި ވަނީ ޑިގްރީ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަކަށެވެ.

ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު 4 މަރޗުން ފެށިގެން 22 މަރޗަށް ހުޅުވާލާފައިވާ އިރު ހެނދުނު 08:30 އިން މެންދުރު 01:30 ގެ ނިއަލަށް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރުން ލިބޭނެ ކަމަށް އެ އިދާރާ އިން ބުނެއެވެ. މީގެ އިތުރުން ހުށަހަޅަންޖެހޭ ފޯމް އޮންލައިންކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ލޯނަށް އެދި ހުށައަޅާ ފޯމު ބާތިލު ނުވާނޭ ގޮތް ހެދުމަށްޓަކައި ފޯމު ހިފައިގެން އަންނަ މީހާގެ ހާޒިރުގައި ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ހަމަތޯ ބެލޭނެ ކަމަށާއި ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމާއި ފުރިހަމަނުކުރާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

ފޯމު ބަލައިގަތުމަށް ފަހު ފޯމަށް ނުވަތަ ފޯމާއެކު ހުށައެޅި ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އަދި ފޯމު ހުށައެޅުމުގެ މުއްދަތުގެ ތެރޭގައި އެހެން ފޯމެއް ހުށަހަޅާ ނަމަ ކުރިން ހުށަހެޅި ފޯމު ބާތިލްކުރަން ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.

އަލަށް ހުޅުވާލި ލޯން ސްކީމުގެ ތެރެއިން ޕައިލެޓް ލައިސެންސް އާއި ޓީޗިންގ އާއި ނާސިންގ އާއި މެޑިސިންގެ ޑިގްރީ ކޯސްތަކަށް ފުރުސަތުދެވިފައިވާ އިރު ސްކިލްސް ޝޯޓޭޖް ދާއިރާތަކަށް އިސްކަން ދެވޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުން ވެސް ޓީޗިންގ އާއި ނާސިންގ އިން ޑިގްރީއަށް ކިޔަވާ ކުދިންނަށް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ އިރު ބޭރު ގައުމުތަކުން މެޑިސިން ކިޔަވާ ކުދިންގެ ތެރެއިން ލޯން ލިބިގެންދަނީ ޕޯސްޓް ގްރެޖުއޭޓް ލެވެލްއަށެވެ. މެޑިސިންގެ ދާއިރާ އިން ޑިގްރީ ކޯހަށް ކިޔެވުމަށް 50 ފުރުސަތު ހުޅުވާލާފައިވާ އިރު މި ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގައި ކިޔެވުމަށެވެ. މިއީ އަލަށް އިމާރާތްކުރާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމުކުރާ މެޑިކަލް ކޮލެޖްގެ ކޯސްތައް ކަމަށް ބެލެވެއެވެ. 

ރާއްޖެއިން ކިޔަވާ ދަރިވަރުންނަށް 300 ފުރުސަތު އަދި ރާއްޖެ އިން ބޭރުން ކިޔަވާ ދަރިވަރުންނަށް 200 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހަޔަރ އެޑިއުކޭޝަނުން ލޯން ސްކީމުގެ ދަށުން 560 ފުރުސަތު ހުޅުވާލާފައިވާ އިރު މި ފާއިތުވެ ދިޔަ ތިން އަހަރު ސްޓޫޑެންޓް ލޯން ސްކީމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 2015 ވަނަ އަހަރު 630 ލޯނަށް ފުރުސަތު ހުޅުވާލި އިރު 2016 ވަނަ އަހަރު 900 ލޯނަށް ފުރުސަތު ހުޅުވާލިއެވެ. މީގެ އިތުރުން 2017 ވަނަ އަހަރު ރާއްޖެއިން 16 ދާއިރާއަކުން 428 ފުރުސަތު ދީފައިވާ އިރު ރާއްޖެއިން ބޭރުން 28 ދާއިރާއަކުން 572 ފުރުސަތު ދީފައި ވެއެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
0%
0%
0%
0%
100%
ކޮމެންޓް
3 މާރޗް 2018 | ހޮނިހިރު 07:19
އަހުމަދު ނުދޭދުނި
މިކަހަލަ ލޯނުތަކަށް ހަމަ ސާބަސް