ފިނިހޫނިމިން ދަށަށް ގޮސް، ސުން ޑިގްރީ އަށް ވުރެ ތިރިވެ، ފިނީގެ ސަބަބުން ޔޫރަޕުން 60 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ފިނިވެ، ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ޔޫރަޕްގެ ގިނަ ޤައުމުތަކެއްގެ އާއްމު ދަތުރުފަތުރަށް ހުރަސް އެޅިފައިވާއިރު، ބައެއް ޤައުމުތަކުން ކަރަންޓް ކަނޑައިގެން ދިޔުމުގެ މައްސަލަވަނީ ފެންމަތިވެފައެވެ. އެގޮތުން އަޔަލެންޑްގެ ވެރިރަށް ޑަބްލިން އާއި މައި އެހެން ސިޓީއެއް ކަމަށްވާ ކޯކްގެ އެއަރޕޯޓްތައް ބަންދުކުރަން ޖެހުނުއިރު، ސްވިޓްޒަލޭންޑްގެ ޖެނީވާގެ އެއަރޕޯޓް ވެސް ބަންދުކުރަން ޖެހުނެވެ.
އަޔަލެންޑްގެ ރޭލު ނިޒާމުގެ ބޮޑު ބައެއް ވެސް ހޮނިހިރު ދުވަހުގެ މެންދުރާ ހަމަޔަށް މެދުކަނޑާލާފައިވާއިރު، ހަފްތާ ބަންދުގެ ކުރިން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. އަދި ހޮސްޕިޓަލްތަކުގައި ކޮންމެހެން ހަދަން ޖެހޭ ސަރޖަރީތައް ވެސް ހެދުން ހުއްޓާލާފައިވާއިރު، އެޤައުމުގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓެއް ނެތެވެ.
އަޔަލެންޑްގެ އިތުރުން އިންގްލެންޑް އަދި ވޭލްސްގައި ވެސް އާއްމު ދިރިއުޅުމަށް ފިނީގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. އަދި އާއްމުންނަށް އެހީވުމަށް އަޔަލެންޑާއި އިނގިރޭސިވިލާތުން ވެސް ވަނީ ސިފައިން ނެރެފައެވެ.
އިޓަލީ ވިލާތަށް ވެސް ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން ބައެއް މަގުތަކާއި ރެއިލްވޭތައް ބަންދުކުރަން ވަނީ ޖެހިފައެވެ.
ފިނީގެ ސަބަބުން އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ ޕޮލެންޑުންނެވެ. އެޤައުމުން 23 މީހަކު މަރުވިއިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ގެދޮރު ނެތި، މަގުމަތީގައި ނިދާ މީހުންނެވެ. ފިނީގެ ސަބަބުން އެހެން ޤައުމުތަކުން ވެސް ގިނައިން މަރުވެފައިވަނީ ގެދޮރު ނެތް މީހުންނެވެ. ސްލޮވާކިއާގައި ހަތް މީހަކު މަރުވިއިރު، ޗެކް ރިޕަބްލިކުން ހަ މީހަކު، ލިތުއޭނިއާ އަދި ފަރަންސޭސިވިލާތުން ކޮންމެ ޤައުމަކުން ފަސް މީހަކު، އަދި ސްޕެއިން އިން ތިން މީހަކު މަރުވެފައިވެއެވެ. އިޓަލީ، ރޫމޭނިއާ، ސަރބިއާ އަދި ސްލޮވީނިއާ، މިއިން ކޮންމެ ޤައުމަކުން ދެ މީހަކު މަރުވިއެވެ. އަދި އިނގިރޭސިވިލާތާއި، ނެދަލެންޑްސް، ސްވީޑަން އަދި ނޯވޭއިން ކޮންމެ ޤައުމަކުން ފިނީގެ ސަބަބުން އެކަކު މަރުވިއެވެ.
އާދަޔާ ޚިލާފަށް ފިނި ގަދަވެ، ޔޫރަޕްގެ ގިނަ ޤައުމުތަކަށް ބޯކޮށް ސްނޯ ފައިބަމުން ދާއިރު، އެސަރަހައްދުގެ ބައެއް ޤައުމުތަކަށް ތޫފާނެއްވެސް އަރަމުން ދިޔުމާއި ގުޅިގެން އާއްމުންނަށް ކުރިމަތިވާ އުނދަގޫތައް ވަނީ އިތުރުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިރު އުތުރު ޔޫރަޕަށް ފިނި ގަދަވާނެ ކަމަށް ބެލެވޭއިރު، ގިނަ ސަރަހައްދުތަކަށް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ފިނިހޫނުމިން ސުން ޑިގްރީ ސެލްޝިއަސްއަށް ވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެއެވެ.