ސީރިޔާގެ ސަރުކަރުގެ ސިފަ އިން ހިސާރުކޮށްފައިވާ އިރުމަތީ ޣޫތާގައި އެއް މަސްދުވަހުގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ އިއްތިފާގުން ފާސްކުރި ފަހުން ވެސް މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެހީފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް 103 މީހުން މަރުވެފައިވާއިރު ދައްކުވައި ދެނީ އެހީ ފޯރުކޮށްދިނުމާއި އިންސާނީ އެހީ ދިނުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ބައިނަލްއަގްވާމީ މުޖުތަމައިން ކުރާ މަސައްކަތް ފެއިލްވެފައިވާ މިންވަރެވެ.
ހުއްޓުމެއް ނެތި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވަނީ، ސީރިޔާ ސަރުކާރުގެ މައި މަދަދުގާރު ރަޝިއާ އިން އެގައުމުން އަމިއްލައަށް ގޮވާލާފައިވާ ގޮވާލުމަކީ ތެދުވެރިކަމާ އެކު ގޮވާލާފައިވާ ގޮވާލުމެއް ކަމާ މެދު ސުވާލު އުފެދިފައެވެ. ރަޝިއާ އިން ވަނީ ޣޫތާ ދޫކޮށްދާ މީހުންނަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދުވާލަކު ފަސްގަޑިއިރަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.
ޣޫތާގައި ހުރި ނޫސްވެރިޔަކު ބުނެފައިވާ ގޮތުގައި ސީރިޔާ ސަރުކާރާއި ރަޝިއާ އިން ގެންދަނީ އާއްމުންނަށް އަޅާލާކަމާއި އިންސާނީ އެހީއަށް ފުރުސަތު ދޭ ކަމަށް ބުނެ ދުނިޔެއަށް އޮޅުވާލަމުންނެވެ. އަދި އޭނާ ވަނީ އެކަން އޮގޮތަށް ހިނގާ ނަމަ އާޢްމުން އެވަރަށް މަރުވަމުން ނުދާނެ ކަމަށް ބުނެފައެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ 2401 ވަނަ ގަރާރުން ވަނީ ސީރިއާގެ ހަމަލާތައް 30 ދުވަހަށް ހުއްޓާލުމަށް ފާސްކޮށްފައެވެ. ފެބްރުއަރީ 18 ވަނަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާ އަށް ވައިގެ ހަމަލާ ދެމުންދަނީ ސީރިއާގެ އަސްކަރިއްޔާއިންނާއި ރަޝިޔާ އިންނެވެ. ގަރާރަށް ބޯލެނބުމުގެ ގޮތުން ރަޝިޔާ އިން ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ފެށިގެން ފަސް ގަޑިއިރަށް ހަމަލާތައް ހުއްޓާލާނެ ކަމަށް ބުނެފައެވެ. އެކަމަކު އެ ގަޑިތަކުގައި ވެސް ވައިގެ ހަމަލާތައް ދޭ ކަމަށް އެހީދޭ ޖަމާއަތްތަކުން ބުނެއެވެ.