މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ހަތަރު ޖަމާއަތަކަށް ދީފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރު ހުއްދަދީފައިވާ އަމިއްލަ ޖަމާއަތްތަކަކީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕާއި ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް އަދި ޒަޢީ ގްރޫޕަށް ކަމުގައެވެ.
މިހަތަރު ޖަމާއަތް ކަނޑައަޅާފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތަށް އެދި ހުށަހެޅި 7 ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްތަކަށް ލިބުނު މާކްސް ތަކުގެ ތެރެއިން އެންމެމަތިން މާކްސް ލިބުނު 4 ޖަމާއަތަށް ވުމުންނެވެ. 7 ޖަމާއަތުގެ ތެރެއިން ހުއްދަ ލިބިފައި ނުވަނީ އަލްއައިން ޓްރެވަލް އެންޑް ޓްއަރސް ޕްރައިވެޓް ލިމިޓެޑާއި، އަސްކޮއި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑަށެވެ.
ބިޑްތައް އިވެލުއޭޓްކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީއަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން އުފައްދާފައިވާ 5 މެންބަރުންގެ ކޮމެޓީއަކުންނެވެ.
އަމިއްލަ ޖަމާއަތްތަކަށް ދީފައިވަނީ ކޮންމެ ޖަމާއަތަކުން ވެސް 100 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދައެވެ. ރާއްޖެއަށް ކޮންމެ އަހަރަކު ވެސް އާއްމުކޮށް 1000 ކޯޓާ ލިބޭއިރު އަމިއްލަ ޖަމާއަތްތަކަށް ކޯޓާ ދޫކުރުމަށް ފަހު ބާކީ ކޯޓާދެނީ ހައްޖު ކޯޕަރޭޝަނަށެވެ.