ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދެ މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅުގެން ކުރިއަށްގެންދާ ޝަރީއަތުގެ މެދު ތެރެއިން އިތުރު ހެއްކަކު ހުށަހަޅަން ބޭނުންވުމުން ގާނޫނީ މައްސަތަކެއް ފެންމަތިވެއްޖެ އެވެ.
ރިލްވާން ގަދަމުން ފޮރުވާފައިވާ ކަމަށް ބުނެ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީން މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ބުރާސްފަތި ދުވަހު މެންދުރުފަހު ވެސް ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. ކްރިމިނަލް ކޯޓުގައި ބޭއްވި މި އަޑުއެހުމުގައި ރިލްވާންގެ މަންމަ އާއި ރިލްވާންގެ އެއްބަނޑު 7 މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. އެމީހުންގެ ހެކިބަސްނެގީ ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކާރުގެ ތެރެއިން ފެނުނު އިސްތައްޓެއްގެ ޑީއެންއޭއާ ރިލްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވާތީ ރިލްވާން އެކާރަށް އެރުވިކަން ސާބިތުކޮށްދިނުމަށެވެ. އަދި އެކާރަށް ރިލްވާން މަންމަގެ އެހެން ދަރިއަކު އަރާފައިނުވާކަން ސާބިތުކޮށްދިނުމަށް ރިލްވާން މަންމަގެ ދަރިންގެ ތެރެއިން މާލޭގައި ތިބި ހުރިހާ ހެކިން ހާޒިރުކުރީ އެވެ. ނަމަވެސް ރިލްވާން މަންމަގެ ނުވަ ކުދިން ތިބޭއިރު އޭގެ ތެރެއިން އެއް ކުއްޖަކު ފިޔަވާ ހުރިހާ ކުދިންގެ ހެކިބަސްނަގާ ނިމުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޝަރީއަތަށް ނުގެނެސް ހުރި ހުރި ރިލްވާންގެ އެއްބަނޑު މޫސާ ރިލްވާން ވެސް ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ.
ނަމަވެސް ދިފާއީ ވަކީލު ވަނީ އިތުރު ހެއްކެއް ހުށަހަޅަން އިތުރަށް ގާނޫނުގެ ތެރެއިން ފުރުސަތު ނޯންނާނެ ކަން ފާހަގަ ކުރައްވާފަ އެވެ. އާލިފާއި ނޫރައްދީންގެ ގާނޫނީ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތުގެ ތެރެއިން ހެކި ހުށަހަޅަން ލިބޭ މުއްދަތުގެ ތެރޭގައި ހުށަނާޅާ ހެއްކެއް ފަހުން ހާޒިރު ކުރުމަށް ހުށަނޭޅޭނެ ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ރިލްވާންގެ އެއްބަނޑު މީހުންގެ ތެރެއިން މޫސާ ރިލްވާންގެ ބަޔާން ފުލުހުން ތަހްގީގުގައި ވެސް ނަގާފައިނުވާ ކަމަށާއި ދައުވާ ކުރީވެސް އޭނާގެ ބަޔާން ނެތްކަން އެނގި ކަމަށެވެ. އޭނާގެ ބަޔާން ނެތީ އޭރު ވެސް އަދި މިހާރުވެސް އޭނާ ރާއްޖެއިން ބޭރުގައި ހުރުމުން ކަމަށާއި އޭނާ ހާޒިރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ހެކި ހުށަހަޅަން ލިބޭ ފުރުސަތުގެ ފަހުން ހެކި ހުށަހެޅިދާނެ ގާނޫނީ ހަމައެއް ދައުލަތަށް ނުދެއްކުނުއިރު ގާޒީ ވަނީ އިތުރު ހެއްކެއް ހުށަހެޅިދާނެތޯ ގާނޫނީ ގޮތުން ދިރާސާ ކުރުމަށް ފަހު ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރިލްވާންގެ އެއްބަނޑު އެންމެންގެ ހެކިބަސް މުހިންމުވާ އެންމެ ބޮޑު ސަބަބަކީ ރިލްވާން ވަގަށް ނަގައިގެން ގެންދިޔަ ކަމަށް ބުނާ ކާރަށް ރިލްވާން މަންމަގެ އެހެން ދަރިއަކު ނާރުވާކަން ސާބިތު ކޮށްދިނުމެވެ. ނަމަވެސް ރިލްވާންގެ އިތުރުން އެހެން މީހަކު ހެކިބަސްނުދީ ހުރުމުން އެ އިސްތައްޓަކީ އޭނާގެ އިސްތައްޓެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.
ބުރާސްފަތި ދުވަހުގެ ހެކިބަސްދިން ރިލްވާން މަންމަ އާއި ރިލްވާންގެ އެއްބަނޑު ހަތް މީހުން ވަކި ވަކިން ހާޒިރުކޮށް، ރިލްވާން އަރުވައިގެން ދިޔަ ކަމަށް ބުނާ ކާރުގެ ފޮޓޯ ދެއްކުމަށްފަހު އެ ކާރަށް ދުވަހަކުވެސް އަރާފައިވާނެތޯ އެހުމުން އެންމެންވެސް ބުނީ ޕްރައިވެޓް ކާރަކަށް އަރާފައިނުވާނެ ކަމަށެވެ. އަދި ހުޅުމާލޭގައި ރިލްވާން އުޅުނު އެޕާޓްމަންޓަށްވެސް ދުވަހަކުވެސް ނުދާ ކަމަށް ބުންޏެވެ.
ދައުލަތުން ބުނީ ރިލްވާން ގެއްލުވާލި މައްސަލަ އަދިވެސް ފުލުހުން ތަހްގީގުކުރަމުންދާ ކަމަށެވެ. އަދި ރިލްވާންގެ އެއްބަނޑު އެކަކުގެ ބަޔާން ނެތިވެސް ދައުވާ އުފުލީ މައްސަލާގައި ދައުވާ ކުރަން ޖެހޭ މުއްދަތު ހަމަވުމާ ވަރަށް ކައިރިވެފައިވަނިކޮށް ތަހްގީގުނިންމާފައި ފޮނުވީމަ ކަމަށެވެ.
ރިލްވާން ގެއްލުވާލާފައިވާ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ، 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ އަހުމަދު ރިލްވާން ދިރިއުޅޭ ފްލެޓް ކުރިމަތިން، ގަދަކަމުން ކާރަކަށް އަރުވައިގެން އޭނާ ފޮރުވާފައިވާ ކަމަށެވެ. މި ދައުވާގައި ހިމެނޭ ސ. ހުޅުދޫ އަތިރިއާގެ، މުހައްމަދު ސުއައިދު ރާއްޖެއިން ބޭރުގައި ހުރުމުން އޭނާގެ ބައި ކުރިއަކަށް ނުގެންދެއެވެ. އަދި ޝަރީއަތް ކުރެވޭ ދެ މީހުން ވެސް ތިބެނީ ދޫކޮށްލާފައެވެ