ދޯނީގެ ކައްޕި ބުނާގޮތެއް ހުރިހާ ފަޅުވެރިން ހަދަން ޖެހޭނެ ކަމަށާއި ކައްޕިގެ މައްޗަށް އަމުރު ހިންގޭނެ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ހޫނު ރައްދެއް ދެއްވައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީގެ މަޖިލިސް މެމްބަރު އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައްޕި އޮޑިޔާވެގެން ދަތުރު ކުރަންޖެހެނީ ވަޒީފާ ދޭ އޮޑިވެރިން ކަނޑައަޅާއި ބުނެފަ އޮންނަ އުސޫލްތަކާ އެއްގޮތަށް ކަމަށެވެ. ހިތުހުރިހާ ގޮތަކަށް ހަމައެއް ލަމައެއް ނެތި އޮޑި ދުއްވަންވީމަ ފަރަށް އެރީ ދެއްތޯ އޭ ވިދާޅުވެ އަނާރާ ވަނީ ސުވާލު އުފައްދަވާފަ އެވެ..
އަނާރާ އެގޮތަށް އެވިދާޅުވީ ސަލާމަތީ ހިދުމަތްތަކާއެކު ރައްޔިތުންގެ ނަމުގައި ސަރުކާރު ކޯލިޝަން ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ. އެޖަލްސާ ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މިހާރު މިވަނީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ކަމަށެވެ. މިހާލަތުގައި އެމަނިކުފާނަކީ އެ ދޯނީގެ ކައްޕި ކަމަށާއި އެއްވެސް ފަޅުވެރިއަކަށް އަމިއްލަ އަމިއްލައަށް ކަންކަން ނުނިންމޭނެ ކަމަށެވެ. ހާއްސަކޮށް ދިވެހި ފުލުހުންނާއި ސިފައިން އަމަލު ކުރަން ޖެހޭނީ އެމަނިކުފާނު އަންގަވާ ގޮތެއްގެ މަތިންކަމަށް ވިދާޅުވެފައި ވެއެވެ. އަދި މިވަގުތު ހިނގަންޖެހޭނީ ހަމައެކަނި ކައްޕިގެ އަމުރު މައުރޫފް ކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީން އެފަދަ އިބާރާތުން ވާހަކަ ދެއްކެވުމުން އެމަނިކުފާނަށް އަނާރާ ހޫނު ރައްދެއް ދެއްވިއިރު، އަނާރާއަކީ އާއްމުގޮތެއްގައި އެފަދަ ގޮތަކަށް ރައްދު ދެއްވާ ކަނބަލެއް ނޫންކަން ފާހަގަ ކުރެވިފައި ވެއެވެ.
ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަން ބޮޑުވެ، ސިޔާސީ ލީޑަރުން ޖަލަށްލައި، ރައްޔިތުންނަށް ނިކަމެތި ގޮތްތައް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ދިމާވަމުންދާތީ އަނާރާ ވެސް ގެންދަވަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުން ނެވެ.
އަނާރާ އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތެރޭގައި އަދާލަތު ޕާޓީ ތަފްސީލް ކުރައްވާ ފަރާތެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުންތަކާއި އެކިއެކި އިވެންޓްތަކުގައި ވެސް އަނާރާ ގެންދަވަނީ އިސް ސަފުގައި ހަރަކާތްތެރި ވަމުންނެވެ.