ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ސްކޫލްތަކުގެ އިދާރީ މުވައްޒަފުން، އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް އެދި އިހުތިޖާޖެއް ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ސްކޫލްތަކުގެ މުވައްޒަފުން އިހުތިޖާޖު ކުރަމުންދަނީ މައިގަނޑު 11 ކަމަކާ ގުޅިގެންނެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ، މސައްކަތުގެ ފެންވަރު ބަލާއިރު ފެންވަރު ރަނގަޅު ކަމަށް ފެންނަ އިދާރީ މުވައްޒަފުންނަށް ވެސް މުސާރައިގެ ކުރިއެރުން ލިބޭނެ ފަދަ އޮނިގަނޑެއް ނެތުމުން އެކަން އެގޮތަށް ނުވުމާއި، އިދާރީ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ނުލިބުމާއި، އިތުރުގަޑީގެ މުސާރަ ފުރިހަމައަށް ނުލިބުމާއި، ރިސްކް އެލަވަންސް ނުލިބުމާއި، ބަންދު ދުވަހުގެ އެލަވަންސް ނުލިބުމެވެ.
އަހަރީ ބޯނަސް ނުލިބޭތާ 3 އަހަރު ވެފައިވުމާއި، އިތުރު ވަޒީފާއެއް އަދާކުރާނެ ވަގުތު ނުވާތީ ލިބެންޖެހޭ އެލަވަންސް ނުލިބުމާއި، ތަޢުލީމީ ދާއިރާގެ އެހެން މުވައްޒަފުންނަށް ސެޓްފިކެޓް އެލަވަންސް ނުވަތަ ތަޢުލީމީ ފެންވަރަށް ބަލައި ދެވޭ އެލަވަންސް ލިބުނު ނަމަވެސް، އިދާރީ މުވައްޒަފުންނަށް އެ އެލަވަންސް ނުލިބުމާއި، ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް އާއި ލިވިންގް އެލަވަންސް ނުލިބުން ވެސް އިހުތިޖާޖުގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެ އިތުރުން އެކި މުއައްސަސާތަކުގައި އިދާރީ މުވައްޒަފުންގެ އެލަވަންސްތަކުގައި ތަފާތު ހުންނަ މައްސަލަ ވެސް އިދާރީ މުވައްޒަފުން ދަނީ ފާހަގަ ކުރަމުންނެވެ.
އިހުތިޖާޖުގައި ބައިވެރިވާ ބައެއް އިދާރީ މުވައްޒަފުން ބުނީ، މި އިހުތިޖާޖަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، މިއީ އިދާރީ މުވައްޒަފުން ކުރާ މަސައްކަތާ އަޅާ ބަލާއިރު، ލިބޭ މުސާރައިގައި މައްސަލަތަކެއް ހުރުމުން ކަމާ ބެހޭ ފަރާތްކުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ކުރާ އިހުތިޖާޖެއް ކަމަށެވެ.
އިހުތިޖާޖު ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގެ އިދާރީ މުވައްޒަފުން މަސައްކަތަށް ނުކުމެފައި ވަނީ ކަޅު ހެދުމުގައެވެ.