ޕީޕީއެމް އިން 'ރުމާލު 2' ގެ ނަމުގައި ޖަގަހައެއް ހަދާފައިވާ މާލޭ ހިޔާގެ ބިން ކުއްޔަށް ދިނުމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފިއެވެ.
މާލޭ ހިޔާގެ ހުސްބިމުގައި ޕީޕީއެމް އިން ޖަގަހައެއް ހެދުމަށް ފަހު، އެތަން ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ.
މާލޭ ހިޔާގެ ބިމުގައި ޕީޕީއެމް އިން ޖަގަހައެއް ހަދަން ފެށުމުން އެއީ ކޮރަޕްޝަނުގެ ދަށުން ކުރަމުންގެންދާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ހައުސިންގ މިނިސްޓްރީއަށް ފާޑުކިޔާފައި ވެއެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދިޔަ ފަރާތްތަކުން ބުނަމުންދިޔައީ ދައުލަތުގެ ބިމެއްގައި ވަކި ޕާޓީއެއްގެ ޖަގަހަ ހަދައިގެން ސިޔާސީ ހަރަކާތް ނުހިންގޭނެ ކަމަށެވެ.
މާލޭ ހިޔާ ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހެދި މައްސަލަ ބެލުމަށް ފަހު އޭސީސީ އިން ނިންމާފައި ވަނީ އެކަމުގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެން ނުވާ ކަމަށެވެ.
އޭސީސީ އިން އެ މައްސަލަ ބެލުމަށް ފަހު ނިންމި ނިންމުމުގައިވާ ގޮތުގައި، މާލޭގެ 353 ނަމްބަރު ކޮށިން 2000 އަކަފޫޓުގެ ބިމެއް ތިން އަހަރު ދުވަހުގެ މުއްދަތަށް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހައުސިންގ މިނިސްޓްރީ އިން ތިން ފަހަރަށް އިއުލާނުކުރިއެވެ. އަދި އެ ބިން ދީފައި ވަނީ ތިން ވަނަ ފަހަރަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ކަމަށް ކޮމިޝަނުގެ ނިންމުމުގައިވެއެވެ.
އޭސީސީގެ ނިންމުމުގައިވާ ގޮތުގައި، އެ ބިން ހަވާލުކުރި އެއްބަސްވުމުގައި އެބިން އެހެން ފަރާތަކަށް ކުއްޔަށް ނުދެވޭނެ ކަމަށް އަދި ސިޔާސީ ހަރަކާތެއް ނުހިންގޭނެ ކަމަށް ބަޔާންކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި މައްސަލައިގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާކަން ފާހަގަނުކުރެވޭ ކަމަށް ކޮމިޝަނުގެ ނިންމުމުގައި ވެއެވެ.
މާލޭ ހިޔާ ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދާތީ ފާޑުކިޔަން ފެށުމުން ހައުސިންގ މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި، އެ ބިން ދޫކުރީ ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ހަދާކަށް ނޫނެވެ. އޭގެ ބަދަލުގައި ބިން ދޫކުރީ އެތަނުގައި ކެފޭއެއް ހަދަން ބިޑް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ކަމަށް މިނިސްޓްރީ އިން ބުނެފައި ވެއެެވެ.
މި ބިމާ ގުޅޭ ގޮތުން ޕީޕީއެމް އިން ބުނެފައި ވަނީ، އެތަނުގައި ޖަގަހައެއް ހެދީ މީހެއްގެ އަތުން އެތަން ކުއްޔަށް ނަގައިގެން ކަމަށެވެ.
މާލޭ ހިޔާ ބިމުގައި ޕީޕީއެމް އިން ޖަގަހައެއް ހަދާފައިވާއިރު، ކުރިން ވެސްޓް ޕާކު ހިންގި ބިމުގައި ވެސް ޕީޕީއެމް އިން ވަނީ ޖަގަހައެއް ހަދާފައެވެ. އެ ބިމަކީ ވެސް ދައުލަތުގެ ބިމެކެވެ.