ކައްޕި ވަރަށް ބޮޑަށް ރުޅި އައިސްފި ކަމަށާއި ގޯހެއް އެބައުޅޭކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތް ކުރާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ރައީސް އޮފީހުން ހާމަކުރުމުން އެ އަބާޔާން އެޓޭޗް ކުރައްވާ ރޮޒެއިނާ ވިދާޅުވީ ކައްޕި ވަރަށް ބޮޑަށް ރުޅި އައިސްފި ކަމަށާއި ގޯހެއް އެބައުޅޭ ކަމަށެވެ. މީގެ އިތުރުން "ބަސްޓް ވީތޯ" ވެސް ރޮޒެއިނާ ވަނީ ސުވާލު އުފައްދަވާފައެވެ.
މިމަހުގެ 27 ވަނަ ދުވަހުގެރޭ ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވާ ރައީސް ޔާމީން ވަނީ އެމަނިކުފާނަކީ ކައްޕިއެއްކަމަށް ވިދާޅުވެފައެވެ. އެ ޖަލްސާގައި ރައީސް ޔާމީން މިސާލަކަށް ނެންގެވީ ކަނޑުގައި ދުއްވާފައިދާ އޮޑިއެކެވެ. އެއޮޑި ކޮޅިގަނޑެއްގައިޖެހި ހަލާކުވާން ދާއިރު ފަޅުވެރިންގެ ކިބައިން ވޯޓެއް ނަގަން ނުޖެހޭ ކަމަށާއި ކަންކުރަން ޖެހޭގޮތް ނިންމާނީ ކައްޕިކަމަށް ރައީސް ޔާމީން އެ ޖަލްސާގައި ވަނީ ވިދާޅުވެފައެވެ.
ރޮޒެއިނާ ގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންވެސް ވަނީ ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ.
ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެޕްޓަން މި ކުރާ ދަތުރަކީ ނުރައްކާތެރި ގައުމުތަކުގެ ވަގު ވިޔަފާރި ދަތުރެއްކަމަށެވެ. ފަޅުވެރިން އަވަހަށް މި ކެޕްޓަން އަތްދަށުން ސަލާމަތްވެ އޮޑި ސަލާމަތް ކުރެއްވުމަށް ސައުދު ވަނީ ގޮވާލައްވާފައެވެ. މީގެ އިތުރުން ގައުމު މާފިޔާ ސްޓޭޓަކަށް ބަދަލު ނުވަނީސް އަވަހަށް ދައުލަތް ސަލާމަތް ކުރަން އެބަޖެހޭ ކަމަށާއި ރާއްޖެ އުތުރު ކޮރެއާއަށް ވާން ބޭނުން ނުވާކަމަށް ސައުދުގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.