ސްރީ ލަންކާގެ ކުރީގެ ޑިފެންސް މިނިސްޓަރެއްގެ ވިޔަފާރިއެއްގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިންވެސްޓް ކުރައްވާފައިވާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އަށް ހުށަހެޅި މައްސަލަ ބެލެން ނެތް ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.
އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައިގައިވާ ގޮތުގައި، ސްރީ ލަންކާގެ ކުރީގެ ޑިފެންސް މިނިސްޓަރެއްގެ ޖެމްސް ވިޔަފާރީގައި އަދީބު އިންވެސްޓް ކުރެއްވީ ދައުލަތުން ޚިޔާނާތްތެރިވި ފައިސާ އެވެ.
އެ މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތުކޮށްފައިވާ ގޮތުގައި، އަދީބު އިންވެސްޓް ކުރެއްވި ފައިސާއިން ލިބޭ ފައިދާއިން، ވަކި އަދަދެއް ކޮންމެ މަހަކުވެސް ރާއްޖެއިން ސްރީ ލަންކާއަށް ދާ ދިވެއްސަކާ ދަނީ ހަވާލުކުރަމުންނެވެ.
އަދީބުގެ މައްޗަށް މިފަދަ ތުހުމަތުތަކެއް ކޮށް ހުށަހެޅި މި މައްސަލަ ބެލުމަށް ފަހު އޭސީސީއިން ނިންމި ނިންމުމުގައިވާ ގޮތުގައި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ކުރި މަސައްކަތުން އެ މައުލޫމާތު ލިބިފައިނުވާތީ މައްސަލަ އިތުރަށް ބެލެން ނެތް ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ފަޅުތަކާއި ފަޅުރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާއިރު، އަދީބުގެ މައްޗަށް މިހާތަނަށް އުފުލީ ޚިޔާނާތުގެ އެންމެ ދައުވާއެކެވެ. ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ޗެކަކަށް ޚިޔާނާތްތެރިވި މައްސަލައިގައި އަދީބުގެ މައްޗަށް 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ.
އެ މައްސަލައާ ގުޅިގެން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވެސް 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޒިޔަތުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރު 30 ދައުވާއެއް ވަނީ ކޮށްފަ އެވެ. އަދީބުގެ މައްޗަށް ޚިޔާނާތްތެރިވުމުގެ ދައުވާއެއް ފަހުން ކޮށްފައިނުވާއިރު، އަދީބުގެ މައްޗަށް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ އެވެ.
މި ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.