އެއްވެސް މީހަކު ނުހައްގުން ހެކި އުފައްދައިފި ނަމަ އެމީހަކު އެ ހުށައެޅެނީ ﷲ ތައާލާގެ ކޯފާއަކަށް ކަމަށް ދީނީ އިލްމުވެރިޔާ ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޝެއިހު ޒައިދު ކުރައްވި ޓްވީޓުގައި ވިދާޅުވީ މުސްލިމް ގައުމެއްގައި މީހަކާ ދެކޮޅަށް ނުހައްގުން ހެކި އުފައްދައިފި ނަމަ ނުވަތަ ހެކިބަސް ދީފިނަމަ ނުވަތަ އެކަމުގައި ބައިވެރިވާ މީހާ އެ ހުށައެޅެނީ އޭނާގެ ނަފްސު ބޮޑު ފާފައަކަށް ކަމަށެވެ. އެއްވެސް މީހަކަށް ލަނޑެއް ދިނުމަށް މަޖުބޫރެއް ނުވާނެ ކަމަށާއި އިސްތިއުފާދީފައި ނަމަވެސް އެކަމުން ސަލާމަތްވާ ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒައިދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ނުހައްގުން މީހުންނަށް ލަނޑު ދޭ މީހުން އަބަދު ހެވިފައި ހުރެވޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށާއި އަނިޔާ ކުރުމަކީ އެންމެ ބޮޑު ފާފާ ކަމުގައި ހާމަކޮށްފަ އެވެ.
ޒައިދު މިފަދައިން ޓްވީޓް ކުރައްވާފައިވާ އިރު އެއްވެސް މީހެއް ޓެގްކޮށް ނުވަތަ އެއްވެސް މީހެއްގެ ނަމެއް ހާމަކޮށްފައެއްވެސް ނުވެ އެވެ. އެހެން ނަމަވެސް މިދުވަސް ވަރަކީ ވަރަށް ގިނަ ބަޔަކު ފްރޭމް ކުރުމުގެ ވާހަކައާއި ދޮގު ހެކި ހުށަހަޅާ ކަމުގެ ތުހުމަތުތައް އެކި އެކި ފަރާތްތަކާމެދު ކުރަމުންދާ ދުވަސްވަރެކެވެ.
ފުލުހުން ހެކި އުފައްދާ ކަމަށް ގާނޫނީ ވަކީލު ހުސައިން ޝަމީމް ވިދާޅުވެފައިވާތީ، އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންނެވެ. ޝަމީމްގެ މައްސަލަ މައްސަލަ ފުލުހުން ބަލާއިރު، ފުލުހުން ބަލަމުންދާ ބައެއް މައްސަލަތަކާއި އެ މައްސަލަތަކުގެ ހެއްކާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީންގެ އިތުރުން ޕީޕީއެމްގެ ބައެއް ވެރިން ވާހަކަ ދައްކަވަ އެވެ.