އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ އުޅަނދާއި "ޝިން ޔުއާން 18" ނަމަކަށް ކިޔާ ރާއްޖޭގެ ދިދަ ނަގާފައިވާ ކަމަށް ބުނާ އުޅަނދު ސްމަގަލް ކުރީ ތެޔޮ ކަމަށް ބެލޭ ކަމަށް ޖަޕާނުގެ ބައެއް ނޫސްތަކުން ހާމަކޮށްފި އެވެ.
ޖަޕާންގެ އޮންލައިން ނޫހެއް ކަމުގައިވާ ނިކޭއީ އޭޝިއަން ރިވިއު ގައި ބުނެފައިވަނީ މިދެ އުޅަނދުން ބަދަލުކޮށްފައިވަނީ ކްރޫޑް އޮއިލް، އެހެން ނޫނީ ސާފު ކުރި ތެޔޮ ކަމަށް ބެލޭ ކަމަށާއި މި އަމަލު ހިންގާފައިވަނީ ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާފައިވާ ރިޒެލިއުޝަންސްތަކުގެ މިންގަނޑުތަކާ ހިލާފަށް ކަމަށް ބެލޭ ކަމަށެވެ. މިކަމުގެ ފޮޓޯތައް އދ އާއި ކަމާ ގުޅޭ ގައުމުތަކަށް ފޮނުވާ އެކަމުގެ މައުލޫމާތު ޖަޕާނު ސަރުކާރުން ހާމަކޮށްފައިވާ ކަމަށް އެނޫހުގައިވެ އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ދިވެހި ދިދަ ބޭނުންކޮށްގެން ރާއްޖެ އާއި، ދިވެހިންގެ އިއްޒަތާއި ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ އުޅަނދަކީ އެއްވެސް ޒަމާނެއްގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ވެސް ބުނެފައި ވެއެވެ.
ރައީސް އޮފީހުން ބުނީ، ދިވެހިރާއްޖެއަކީ އުތުރު ކޮރެއާއާ ގުޅޭ ޤަރާރުތައް ވެސް ހިމެނޭ ގޮތަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުތައް ތަންފީޒު ކުރުމަށް އަބަދުވެސް ޚާއްޞަ ސަމާލުމެއް ދޭ ޤައުމެއް ކަމަށެވެ. އަދި ސަރުކާރުން ދަނީ ވަރަށް ގާތުން މި މައްސަލަ ބައްލަވަމުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އުތުރު ކޮރެއާއިން ކުރަމުންދާ ޤާނޫނާއި ޚިލާފު އަމަލުތައް ހުއްޓުމަކަށް ގެނައުމުގެ މަގުޞަދުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާ ގުޅުން އޮންނަ ގިނަ ކުންފުނިތަކަކާއި އުޅަނދުތަކަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ. އެގޮތުން ޖަޕާނަށް މި ފެނުނު އުތުރު ކޮރެއާގެ ދިދަނެގި ބޯޓަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ބޯޓެކެވެ.