ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުނުކޮށް، ހަމައެކަނި ރައީސް އަބްދުﷲ ޔާމީން އެދޭ ގޮތަށް ފުލުހުން މަސައްކަތް ކުރަމުންދާތީ އެކަމަށް އިންތިހާ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ގައުމުގެ އަމަން ބެލެހެއްޓުމުގައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރާ ކަމަށް ވިދާޅުވެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ހުރިހާ ފުލުހުންނަށް ޝުކުރު އަދާކޮށްފި އެވެ.
ބުދަ ދުވަހުގެ ހަވީރު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ނަވާޒް ވަނީ ގައުމުގެ އަމަން އަމާންކަމާއި ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. އެކަމަށް ފުލުހުންގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ ކުރިއެރުމަށާއި ވެލްފެއަރ ކަންކަން މިހާރަށްވުރެ ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ނަވާޒް ވިދާޅުވި އެވެ.
ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް ހަމަހަމަކަމާއެކު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ އަދަދެއްގެ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވި ކަމަށް ފުލުހުން ބުނެ އެވެ.
ނަވާޒު ފުލުހުންނާ ބައްދަލު މިކުރީ މިހާރު އޮތް ކުއްލި ހާލަތަކީ ގާނޫނާ ހިލާފު ކުއްލި ހާލަތެއް ކަމަށާއި ހައްޔަރުކޮށްފައިވާ ފަރާތްތައް ދޫކޮށްލަން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަންގާފައިވަނިކޮށެވެ. ޕީޖީގެ އެ އެންގުމަށް އަމަލުކުރަން އެޓާނީ ޖެނެރަލް އެންގި ނަމަވެސް، އަމަލުނުކުރީ، ރާއްޖެ އެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ބޭއިންސާފުން ހުކުމްކޮށްފައިވާ ކަމަށް ބުނެ ސިޔާސީ ހައްޔަރީން މިނިވަންކުރަން ސުޕްރީމް ކޯޓުން ކުރި އަމުރަކީ ބަޣާވާތެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވައި، މިފަދަ ހާލަތެއްގައި ރައީސުލްޖުމްހޫރިއްޔާ އަންގަވާ އެންގެވުމަކީ ގާނޫނާ ހިލާފު އެންގުމެއްތޯ ފުލުހުންނާއި ސިފައިން ބަލަންނުޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.