އެއްވެސް އިރެއްގައި ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިނުވާނެ ކަމަށް، ދޫނިދޫ ޖަލުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޤާނޫނީ ސަރުކާރެއް ވައްޓާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކޮށްފައި ހުންނެވި ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް އިބްރާހިމް ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވި ކަމަށެވެ. އޭނާ ވަނީ ރައްޔިތުންނަށް މަސެޖެއް ދެއްވާފައި ކަމަށް ވިދާޅުވެ، ރައީސް މައުމޫނާ ހަވާލާދެއްވައި ފައިސަލް ވިދާޅުވީ ރައީސްކަމުގައި ހުންނެވި އިރުވެސް އަދި އޭގެ ފަހުން ވެސް ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށެވެ.
ޖިނާއީ އެއްވެސް ކުށެއް ކުރައްވާފައިނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއިރު، އެމަނިކުފާނުގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ފުލުހުންގެ އިދާރާއިން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. ރައީސް މައުމޫންގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައި ވަނީ ހެކި ނައްތާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރުމަށް ފަހުއެވެ.
ރައީސް މައުމޫންގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުކޮށްފައި ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވެސް އެ ދައުވާކުރުމަށް ވަނީ ފޮނުވާފައެވެ. އެ ބޭފުޅުން ހެކި ނައްތާލުމަށް މަސައްކަތްކުރިކަމަށް ބުނެ ދައުވާ އުފުލުމަށް ފޮނުވިއިރު އެ ބޭފުޅުން ހައްޔަރުގައި ތިބޭތާ 21 ދުވަސް ވަނީ ވެފައެވެ. އެހެންކަމުން ހެކި ނައްތާލުމަށް މަސައްކަތްކުރެއްވީ ކޮންގޮތަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.